ޗެކް ބައުންސްވި މައްސަލައިގައި ރާޖްޕާލްއަށް ސުޕްރީމް ކޯޓުން އެންމެ ފަހުގެ ފުރުސަތު ދީފި

ޗެކް ބައުންސްވި މައްސަލަތަކާ ގުޅިގެން ކޯޓުގެ ރެޖިސްޓްރީއަށް ފަސް ކުރޯޑު ރުޕީސް ޖަމާކުރުމަށް ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވަށް އިންޑިއާގެ ސުޕްރީމް ކޯޓުން 'އެންމެ ފަހުގެ ފުރުސަތު' ދީފިއެވެ. އަދި އޭނާ ބަންދުވުމުން އިސްތިސްނާކޮށްފައިވާ މުއްދަތު އަންނަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްދީފައެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މި އަހަރުގެ ޖުލައި މަހު ދިއްލީ ހައިކޯޓުން އިއްވާފައިވާ ތިން މަސްދުވަހުގެ ޖަލު ހުކުމާ ދެކޮޅަށް ރާޖްޕާލް ހުށަހެޅި އިސްތިއުނާފު މައްސަލަ ބައްލަވާފައެވެ.

ކޯޓުގެ ރެޖިސްޓްރީއަށް ފަސް ކުރޯޑު ރުޕީސް ޖަމާކުރުމަށް ޝަރުތުކޮށް ސުޕްރީމް ކޯޓުން ކުރިން އޮތީ ރާޖްޕާލް ހައްޔަރުކުރުން ފަސްކޮށްދީފައެވެ. އިއްޔެގެ އަޑުއެހުމުގައި ޔާދަވްގެ ގާނޫނީ ވަކީލު އެދިވަޑައިގެންނެވީ އެ ޝަރުތު ފުރިހަމަކުރުމަށްޓަކައި އިތުރު ދެ ހަފުތާގެ މުއްދަތެއް ދެއްވުމަށެވެ.

ރާޖްޕާލްގެ ވަކީލު ކޯޓުގައި ވިދާޅުވީ، މިވަގުތު އޭނާގެ އަތުގައި އެވަރަށް ފައިސާ ނެތް ނަމަވެސް، ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ އަމިއްލަ މުދަލާއި މަންމަގެ ނަމުގައި ހުރި ބިންތަކެއް ވިއްކައިގެން ފައިސާ ހޯދިދާނެ ކަމަށް ވަނީ ބުނެފައެވެ. މީގެިއތުރުން މަދުވެގެން ދެ ކުރޯޑު ރުޕީސްގެ ޑްރާފްޓާއެކު ސަރީހަ ހުށަހެޅުމެއް ހުށަހަޅާނެ ކަމުގެ ޔަގީންކަން ދީ، ފައިސާ ހަމަޖެއްސުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދެއްވުމަށް ޔާދަވްގެ ވަކީލު ވަނީ ކޯޓުގައި އެދިފައެވެ.

ރާޖްޕަލް ޔާދަވް އެކްޓަރުގެ އަނބިމީހާއާ އެކު--ފޮޓޯ/ފިލްމުފެއަ

ނަމަވެސް، ރާޖްޕާލްގެ މާޒީގައި ކަންކަން ކޮށްފައިވާ ގޮތާމެދު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޔާދަވް އަކީ ބޮލީވުޑްގެ އެކްޓަރެއް ކަމަށާއި ކޯޓުގައި ޔާދަވް އެކްޓް ނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ކޯޓުން ވަނީ ކުރީގެ އަމުރަށް އަމަލުކުރުމަށްޓަކައި "އެންމެ ފަހުގެ ފުރުސަތެއް"ގެ ގޮތުގައި ރާޖްޕާލަށް ދެ ހަފުތާގެ މުއްދަތެއް ދީ، އޮކްޓޯބަރު ފަސް ވަނަ ދުވަހާ ހަމައަށް އޭނާ ބަންދުކުރުން ފަސްކޮށްދީފައެވެ. މީގެއިތުރުން، މިވަގުތަށް އޭނާގެ ޕާސްޕޯޓު ކޯޓަށް ހުށަހެޅުމަށްވެސް ވަނީ އަންގާފައެވެ.

މި މައްސަލައަކީ 2010 ވަނަ އަހަރު ރާޖްޕާލް ޑައިރެކްޓްކުރި ފިލްމު "އަތާ ޕަތާ ލާޕަތާ" އުފެއްދުމަށްޓަކައި ދިއްލީގެ އެމް/އެސް މުރްލީ ޕްރޮޖެކްޓްސްއިން ނެގި ފަސް ކުރޯޑު ރުޕީސްގެ ލޯނު ނުދެއްކިގެން އުފެދުނު މައްސަލައެކެވެ. ފިލްމު ފްލޮޕްވުމުގެ ސަބަބުން ފައިސާ ނުދެއްކި، އިންޓްރެސްޓާއި ޖޫރިމަނާއާއެކު ދަރަނި ވަނީ ގާތްގަނޑަކަށް ނުވަ ކުރޯޑު ރުޕީސްއަށް އަރާފައެވެ. މި މައްސަލައިގައި 2018 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުން ރާޖްޕާލް އާއި އޭނާގެ އަންހެނުންގެ މައްޗަށް ހަ މަސްދުވަހުގެ ޖަލު ހުކުމެއް އިއްވި އިރު، 2019ގައި ކޯޓުން ވަނީ އެ ހުކުމަށް ތާއީދުކޮށްފައެވެ.

އޭގެފަހުން ދިއްލީ ހައިކޯޓުން ފައިސާ ދެއްކުމަށް އެކި ފުރުސަތުތައް ދިނުމުން، ރާޖްޕާލް ވަނީ މަރުހަލާތަކަކަށް ބަހާލައިގެން ފައިސާ ދައްކާފައެވެ. އެގޮތުން ފެބްރުއަރީ މަހު 1.5 ކުރޯޑު ރުޕީސް އަދި މާޗް މަހުގެ ނިޔަލަށް 4.25 ކުރޯޑު ރުޕީސްއަށްވުރެ ގިނަ ފައިސާ ދެއްކުމުން ކޯޓުން ވަނީ ވަގުތީ ގޮތުން އޭނާގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދީފައެވެ. ނަމަވެސް، ފައިސާ ދެއްކުމަށް ވެފައިވާ އެއްބަސްވުންތަކާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، މި އަހަރުގެ ޖުލައި 10ގައި ހައިކޯޓުން ވަނީ ކުށްސާބިތުވި ހުކުމް ދަމަހައްޓައި، ޝަކުވާހުށަހެޅި ފަރާތަށް ބަދަލު ދިނުމަށް އަންގާފައެވެ.

މި ދަރަނިތަކުގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، ރާޖްޕާލް އެންމެ ފަހުން ފެނިފައިވަނީ އަކްޝޭ ކުމާރާއި ސައިފް އަލީޚާންއާއެކު ކުޅުނު ކްރައިމް ތްރިލާ ފިލްމު "ހައިވާން"އިންނެވެ.

comment ކޮމެންޓް