އިންޑިއާގެ ބޮޑުވަޒީރަށް ރައްދުކޮށް ރާކީ ކުރި މަލާމާތަށް ކަންގަނާގެ ހޫނު ރައްދެއް

އިންޑިއާގެ ބަތަލާ ކަންގަނާ ރަނާވަތު އަދި ރާކީ ސާވަންތު--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ މަޝްހޫރު ބަތަލާ އަދި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މެމްބަ އޮފް ޕާލަމަންޓް ކަންގަނާ ރަނާވަތު، ކުރީގެ ވަޒީރު ސްމްރިތީ އިރާނީ އާއި އޭނާއާ ބެހޭގޮތުން ރާކީ ސާވަންތު ދެއްކި ހަޑިހުތުރު ވާހަކަތަކަށް ވަރުގަދަ ރައްދެއް ދީފިއެވެ.

މިއީ މި ދެ ފަންނާނުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކުގެ އެންމެ ފަހުގެ ކުރިމަތިލުމެވެ. ކަންގަނާ ވަނީ ރާކީއަކީ "ނާކާމިޔާބު އަދި ހަސަދަވެރި" މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މި މައްސަލަ އުފެދުނީ 'އެމްކޭ ޓޯކްސް' ޕޮޑްކާސްޓްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ނުފޫޒުގަދަ އަންހެން ސިޔާސީ ވެރިންނަށް އަމާޒުކޮށް ރާކީ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ޕޮޑްކާސްޓްގައި ރާކީ ބުނެފައިވަނީ، ކުރީގެ ކެބިނެޓް މިނިސްޓަރެއް ކަމަށްވާ، ސްމްރިތީ އާއި ކަންގަނާ ފަދަ އަންހެނުންނަށް ވަޒީރުކަން ދިނުމުން އެމީހުން މޯދީއަށް ދިނީ ކޮން އެއްޗެއްތޯ ސުވާލު އުފައްދާފައެވެ. އަދި އެމީހުން ދިން ކޮންމެ އެއްޗެއް އޭނާއަށް ވެސް ދެވިދާނެ ކަމަށް ބުނެ ރާކީ ވަނީ އިހުތިރާމް ކުޑަ ބަސްތަކެއް ބޭނުންކޮށްފައެވެ.

މިކަމާ ގުޅިގެން ކަންގަނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައިވަނީ، ހަމައެކަނި ރާކީ ނޫން ކަމަށާއި، ގިނަ ނާކާމިޔާބު މީހުން ކާމިޔާބު އަންހެނުންގެ އަބުރު ކަތިލުމަށް މަސައްކަތް ކުރަނީ އެމީހުންގެ ހަސަދަވެރިކަމާއި ނާކާމިޔާބީ ފޮރުވުމަށް ކަމަށެވެ. އަދި މިފަދަ ހަމަލާތަކުން ދެރަވެ، އަމިއްލަ ނަފްސު ދިފާއުކޮށް ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ ކަމަށްވެސް ކަންގަނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އިންޑިއާގެ ޓެލެވިޒަން ބަތަލާ އަދި ކުރީގެ ކެބިނެޓް މިނިސްޓަރު ސްމިރްތީ އިރާނީ ބަތަލާ ކަންގާނާއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

ކަންގަނާ އިތުރަށް ބުނެފައިވަނީ، ކާމިޔާބީ ހޯދުމަށް ކޮންމެ ފަދަ ކަމެއް ކުރަންވެސް ރަކީމެން ކަހަލަ އަންހެނުން ތައްޔާރުވެދާނެ ކަމަށާއި، އެކަމަކު ހިތާމައަކީ އެފަދަ މީހުންގެ އަތުން ބޭނުންވާނެ އެއްވެސް އެއްޗެއް ނެތްކަން ކަމަށެވެ. އަދި އެފަދަ އަންހެނުން ވެދޭ އެއްވެސް އެހީތެރިކަމަކުން ނުވަތަ 'ފޭވަ'އަކުން ކުނިކަހާ މީހެއްގެ ވަޒީފާވެސް ނުލިބޭނެ ކަމަށާއި، އެއަށްވެސް ކޮންމެވެސް ވަރެއްގެ ގާބިލުކަމެއް ބޭނުންވާނެ ކަމަށް ކަންގަނާ ބުނެފައިވެއެވެ. އެހެންވީމާ މަޑުން އިށީނދެގެން އޭނާގެ ރީލްސްތައް ބަލަން އިނދެ ރޯން ތިބުމަށް ކަންގަނާ ވަނީ ފާޑުކިޔުންތެރިންނަށް ގޮވާލާފައެވެ.

މީގެ ކުރިންވެސް ކަންގަނާ ވަނީ ރާކީއަށް ފާޑުކިޔާފައެވެ. ރާކީ ވަނީ ކަންގަނާއަކީ "އެއްވެސް ކަހަލަ އަޚުލާގެއް ނެތް" މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ. މީގެ ރައްދުގައި ކަންގަނާ ބުނީ، އޭނާގެ ކާމިޔާބީގެ އެންމެ އިންސައްތައެއްވެސް ހާސިލުނުވާ މީހުންގެ ޚިޔާލު ހޯދަން އޭނާ ބޭނުންނުވާ ކަމަށާއި، ބަޔަކު ބުނާ އެއްޗަކަށް އޭނާ ކަންބޮޑުނުވާނެ ކަމަށެވެ.

ކަންގަނާ ސިޔާސީ ދާއިރާއާ ރަސްމީކޮށް ގުޅުނީ 2024 ވަނަ އަހަރުގެ ލޯކް ސަބާ އިންތިޚާބުގައެވެ. އޭނާ ވަނީ ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާއިން 74،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތުން ކުރި ހޯދައި، ޕާލަމަންޓަށް އިންތިޚާބުވެފައެވެ.

ފިލްމީ ދާއިރާއަށް ބަލާއިރު، ކަންގަނާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ 'ބާރަތު ބާގްޔާ ވިދާތާ'އެވެ. ކުރިއަށް އޮތް ތަނުގައި އޭނާ ފެންނާނީ 'ތަލައިވީ'ގެ ޑައިރެކްޓަރު އޭއެލް ވިޖޭގެ ސައިކޮލޮޖިކަލް ތުރިލާ ފިލްމަކުންނެވެ. މި ފިލްމުގައި އޭނާއާއެކު އާރް މާދަވަންވެސް ފެންނާނެއެވެ.

comment ކޮމެންޓް