ވެރިކަންކުރާ ޕީއެންސީގެ މަތީ މަޖިލިސް، ނުވަތަ ކޮންގްރެސް މިއަދު ފަށައިފިއެވެ.
ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި އެ ޕާޓީ ތަމްސީލުކުރައްވާ ކައުންސިލުތަކުގެ ރައީސުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުން ވަނީ މާލެ އައިސްފައެވެ.
އެ ފަރާތްތަކާ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އިއްޔެ ބައްދަލުކުރައްވައިފައެވެ.
ޕީއެންސީގެ ކޮންގްރެސް ކުރިއަށް ދާނީ ސޯޝަލް ސެންޓަރުގައި، މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.
ޕީއެންސީގެ ކޮންގްރެސް މިއަދު އިފްތިތާހުކޮށްދެއްވީ ރައީސެވެ.
މި ކޮންގްރެސްގައި ޕީއެންސީން މުހިއްމު ބައެއް ނިންމުންތައް ނިންމާނެއެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުން ވެސް ހޮވާނެއެވެ.
ޕީއެންސީގެ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޕީއެންސީއެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރު ވެސް ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލާއި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހިމެނެއެވެ.
އޭގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާއާއި ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢެވެ.
މިވަގުތު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައިވާ ގޮތުން، އެ ޕާޓީގައި މިވަގުތު 67،579 މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީން ބުނާގޮތުގައި މެންބަރުންގެ އަދަދު ވަނީ 70،000 އިން މައްޗަށް ގޮސްފައެވެ.