އިންޓެލް އޮފިސަރުންގެ ހެކި ސިއްރުކުރުމާމެދު އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން އަންގައިފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ހިމެނޭ ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންގެ އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށް ދައުލަތުން އެދުނު އަމުރު ނެރެދެވެން ނެތްކަމަށް ހައި ކޯޓުން ކުރި ޙުކުމް ބާޠިލުކޮށް، އެ އަމުރާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ، ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު، މިދިޔަ ހަފުތާގައެވެ.

ސުޕްރީމް ކޯޓުގެ މި ޙުކުމް އައި މި މައްސަލައަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ހަނގުރާމައަށް ދާން އުޅުމާއި، ޓެރަރިސްޓް ޖަމާޢަތްތަކަށް ތާއީދުކުރާ ލިޔުން ގެންގުޅުމާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުން ފަދަ ތުހުމަތުތަކުގައި ބައެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދަޢުވާކުރާ މައްސަލައެކެވެ.

ދައުލަތުން މި މައްސަލައިގައި ދަޢުވާ އުފުލި މީހުންނަކީ، އިބްރާހީމް ވިސާމް ސ. މަރަދޫފޭދޫ / ފިނިފެންމާގެ، ސައުސަން ރަޝީދު ގދ. ނަޑެއްލާ / ހިތަށްފިނިވާގެ އަދި ޢަބްދުންނާޞިރު / ޢަބްދުﷲ ހުވައިރިޘް ބިން މުޙައްމަދު މ. އެޗީވްއެވެ.

މި މައްސަލައިގައި ދައުލަތުން ސާބިތުކުރުމަށް ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުތަކާއި ފޯނު އަދި އިލެކްޓްރޯނިކް ޑިވައިސް އެނެލިސިސް ރިޕޯޓުތައް ތައްޔާރުކުރި ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންގެ ކާކުކަން ހާމަނުވާނެހެން، އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނެވެ. ނަމަވެސް ވަކިވަކި އޮފިސަރުންނަށް އޮތް ޚާއްޞަ ނުރައްކަލެއް ދައްކައިދެވިފައި ނުވާކަމަށް ބުނެ ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވަނީ ދައުލަތުގެ އެދުމާ އެއްގޮތަށް އަމުރު ނެރެދެވެން ނެތްކަމަށް ނިންމާފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ލިޔުއްވައި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދުކުރެއްވި ރައުޔުގައި ފާހަގަކުރައްވާފައިވާ މުހިންމު ނުކުތާތަކަކީ، ނުރައްކަލުގެ އިޙްތިމާލު މާނަކުރުމާއި ޢާންމު މަޞްލަޙަތު ވަޒަންކުރުމެވެ.

ފަނޑިޔާރު ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބުނާ "ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު" އޮތްކަން ބެލުމުގައި، ކޮންމެހެން މީގެ ކުރިން އަނިޔާއެއް ނުވަތަ އިންޒާރެއް ލިބިފައިވުން ލާޒިމެއް ނޫން ކަމަށެވެ. އިންޓެލިޖެންސް އޮފިސަރުންގެ މަސައްކަތުގެ ޠަބީޢަތަށް ބަލައި، ޖަމާޢީ ގޮތެއްގައި އެ މީހުންނަށް ނުރައްކަލެއް އޮތްކަން ބުނެދެވުމުން ފުދޭނެ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އަދި ހެކިބަސް ސިއްރުކުރުމާމެދު ގޮތެއް ނިންމާއިރު ހަމައެކަނި ވަކި ފަރުދަކަށް އޮތް ނުރައްކަލަށް ބެލުމުގެ ބަދަލުގައި، ދައުލަތުގެ ސެކިއުރިޓީ ނިޒާމާއި، އިންޓެލިޖެންސް މަޢުލޫމާތު ސިއްރުކުރުމުގެ ޢާންމު މަޞްލަޙަތަށް ވެސް ކޯޓުން ރިޢާޔަތްކުރަންޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މީގެ އިތުރުން ދިފާޢަށް ލިބޭ އިންޞާފުވެރި ޝަރީޢަތެއްގެ ޙައްޤަށް އަސަރުކުރާ މިންވަރާއި، ދައުލަތުން އެދިފައިވާ ފިޔަވަޅުގެ ކުޑަބޮޑުމިން (އަޑު ބަދަލުކުރުން އެކަނި) ފަނޑިޔާރުން ވަޒަންކުރައްވަން ޖެހޭނެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުއްވީ ހައި ކޯޓުގެ ނިންމުން ބާޠިލުކުރުމަށެވެ. އަދި ސުޕްރީމް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް، ހެކި ހިމާޔަތްކުރުމުގެ އަމުރާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށް ވަނީ ޙުކުމްކޮށްފައެވެ.

comment ކޮމެންޓް