މާލެ ކައިރީގައި އޮތް ބޮޑު ތެޔޮ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ބުރާސްފަތި ރޭ ޖެހިފައިވާއިރު، އެ ހާދިސާގައި ހިމެނެނީ ހުއްދަ ނެތި ވަދެފައިވާ ދެ ބޯޓެއް ކަމަށްވުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެތައް މިލިއަން ޑޮލަރު ޚަރަދުކޮށްގެން ގެނެސްފައިވާ ޑްރޯނާއި ހަތިޔާރުގެ ބޭނުމަކީ ކޮބައިތޯ މާލޭގެ މޭޔަރު އާދަމް އާޒިމް ސުވާލު އުފައްދަވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި ދެ ބޯޓެއް އޮޔާ ދިޔައީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލިގެންނެވެ.
މި ހާދިސާގައި ހިމެނެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެ އުޅެނިކޮށް ހިފަހައްޓާފައިވާ ދެ ޓޭންކަރެއް ކަމަށް ޝިޕިން ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.
އެ ދެ ބޯޓު ފަހުން ބުރިޖުގެ ދަށުން އޮޔާ ގޮސް، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައި ކަމަށް ރޭ އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް: ހުއްދަ ނެތި ދެ ބޯޑު ވަދެ އޮތުމުން, އެތައް މިލިއަން ޑޮލަރުގެ ޑްރޯނާއި ހަތިޔާރުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެއްދެވި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
އެ މައްސަލައާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވަނީ، އަގުބޮޑު ޑްރޯންތަކާއި ކަނޑުގެ މަނަވަރުތަކާއި އެތައް މިލިޔަން ޑޮލަރު ހޭދަކޮށްގެން ގަންނަ ހަތިޔާރުތަކުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކަށް ނޭނގި، ބޮޑު ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެ، މާލެ ސިޓީގައި ބަނދަރުކޮށްފައި އޮންނަތާ އެތަކެއް ދުވަހެއް ވެއްޖެ ކަމަށާއި އެކަން ނޭނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
އާޒިމް ވަނީ އެކަން ހިނގާދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށް ހާމަކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.
"ގައުމު ފޭލްވެ، މިވަރަށް ނިކަމެތިވެފައި މިވަނީ، މިހާ ފަރުވާކުޑަ މީހުންނަށް ގައުމު ހަވާލުކޮށްފައިވާތީ،" އޭނާ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ 10:30 ހާއިރު ހިނގި އެ ހާދިސާގައި އޮޔާ ގޮސްފައި ވަނީ، ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުމުން އަތުލައިގެންފައިވާ ދެ ބޯޓުކަން "ސަން" އަށް ވަނީ އެނގިފައެވެ.
ނަމަވެސް އެ ބޯޓުތަކާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބަހެއް ހޯދަން ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސް ރޭގެ ނިޔަލަށް އެ އިދާރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނަމާލެ ބްރިޖަށް އުރުނު މި ދެ ބޯޓުގައި އިންޑިއާގެ 20 ފަޅުވެރިން ތިއްބެވެ. އެއީ "ކޭޖީ 1" ގައި ތިބި 9 މީހުންނާއި "އޭއެލް 1" ގައި ތިބި 11 މީހުންނެވެ.
އެ މީހުންނަށް ކާބޯތަކެއްޗާއި ފެނާއި ތެޔޮ ހުސްވެ، ހާލުގައި ޖެހިފައިވާތީ އިންސާނީ އެހީތެރިކަމަށް އެދި އިންޑިއާގެ ނޭޝަނަލް ޔޫނިއަން އޮފް ސީފެއަރާސް (ނޫސީ) އިން މިދިޔަ ޖުލައި މަހު ވަނީ ގޮވާލައިފައެވެ. އަދި ބޯޓުތަކުގެ ނަގިލި ކަނޑައިގެން ގޮސް، ފަޅުވެރިންނާއި ކައިރީގައިވާ އެހެން އުޅަނދުތަކަށް ނުރައްކާ އޮތް ކަމަށް ވެސް އެ ޔޫނިއަނުން އޭރު ބުނެފައިވެއެވެ.
އެ މީހުންގެ މައުލޫމާތު އެނގޭ ރަސްމީ ފަރާތަކުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި، ބޯޓުގައި ތިބި މީހުން ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. އަދި ގިނަ މީހުން ފުރައިގެން ގޮސްފައިވާއިރު، އެހެން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއްޔެ މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން ގިނަ ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާއިރު، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ބޯޓުތައް އުރުމާ ގުޅިގެން ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އިން ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށް ބުނެފައެވެ. އަދި ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ކުދިކުދި ކޫރު އެޅިފައި ހުރި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލުން ނެއްޓުމަކީ ދެ ބުރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެނިހެން ވަސީލަތްތަކަށް ނުރައްކާވެ، މި ސަރަހައްދުގެ ދިރިއުޅުމަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިފަދަ ހާދިސާއެއް ހިނގުމުން ރައްކާތެރިވުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މި ދެ އަހަރުގެ ތެރޭގައި ތުރުކީއާއި އޮސްޓްރޭލިއާއިން ރާއްޖެއަށް އަސްކަރީ މަނަވަރުތައް ހަދިޔާކޮށްފައިވާއިރު، ޑްރޯން ގަނެފައިވަނީ ސަރުކާރުން ބޮޑު ޚަރަދެއް ކޮށްފައެވެ. އަދި މީހުން ގެއްލުން ފަދަ ކަނޑުމަތީގެ ހާދިސާތައް ދިމާވުމުން ބައެއް ފަހަރު ޑްރޯންތައް ބޭނުންކުރެއެވެ.