ސްރީލަންކާގެ ސިޔާސީ މައިދާނުގައި އޮތް އާއިލީ ވެރިކަމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށާއި ބައްޕަ ދަރިންނަށް ދަސްކޮށްދޭންވީ ވައްކަން ނުކުރަން ކަމަށް ވިދާޅުވެ، އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް މިހާރު އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަ ރައްދު ދެއްވައިފިއެވެ.
މިދިޔަ ހަފުތާ ބަންދުގައި އާންމުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ލަންކާގެ ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ ބައްޕައަކުވެސް ދަރިފުޅަށް ދަސްކޮށްދޭންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ ވައްކަން ނުކުރުމަށާއި މީހުންގެ ހައްގުތަކަށް އަރައިނުގަތުމެވެ. ނަމަވެސް ފާއިތުވި ދިގު މާޒީގައި ސްރީލަންކާއިން ފެނިގެންދިޔައީ ދައުލަތުގެ ބާރުތަކާއި މުދާ އަމިއްލަ ތަރިކައެއްގެ ގޮތުގައި ދަރިފުޅަށް ވާރުތަކޮށްދިނުމުގެ ސަގާފަތެއް ކަމަށް ލަންކާ ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ގައުމުގައި އާންމުކޮށް މީހުން ދެކެމުން އައީ ބައްޕަ ރައީސްކަމުގައި ހުރެއްޖެނަމަ، ދަރިފުޅުވެސް ރައީސަކަށް ވާންޖެހޭނެ ކަމަށް. އަދި ބައްޕައަކީ ބޮޑުވަޒީރު ކަމަށްވާނަމަ، ދަރިފުޅުވެސް ބޮޑުވަޒީރުކަމަށް އަންނަންޖެހޭނެ ކަމަށް،" ޑިސާނަޔަކަ ވިދާޅުވިއެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި އެއީ މާޒީވެ ގޮސްފައިވާ ކުރީގެ ސިޔާސީ ވިސްނުމެކެވެ. ޒަމާނީ ޑިމޮކްރަސީއެއްގައި ވެރިކަމަކީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ބާރެއް ކަމަށާއި، އެއީ ވަކި އާއިލާއެއްގެ މިލްކެއް ނޫންކަން އޭނާގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވިއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިހާބަކީ މި ސަގާފަތް ބަދަލުކުރުމަށް ރައްޔިތުން ނިންމި ވަރަށް ސާފު ނިންމުމެއް ކަމަށް ރައީސް ޑިސާނަޔަކަ ވިދާޅުވިއެވެ. އެ އިންތިހާބުގައި 5.6 މިލިއަން ވޯޓު ނުވަތަ 42.3 އިންސައްތަ ވޯޓާއެކު އޭނާ ކާމިޔާބު ހޯއްދެވިއިރު، އެއީ ޒަމާންތަކެއް ވަންދެން ގައުމުގެ ވެރިކަން ކުރަމުން އައި ބާރުގަދަ އާއިލާތަކަށް ރައްޔިތުން ފުރަގަސްދިން މަންޒަރު ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
އިގުތިސާދީ ގޮތުން ގައުމު ވެއްޓުނު ފުން ވަޅުގަނޑުން އަރައިގަތުމަށްޓަކައި، ރައްޔިތުން ބޭނުންވީ އާއިލީ ނުފޫޒުން އެއްކިބާވެފައިވާ އާ ލީޑާޝިޕެކެވެ. ޑިސާނަޔަކަ ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވި އެ ބަދަލު މިހާރު ވަނީ ގެނެވިފައެވެ. އަދި އޭގެ ފަހުން ބޭއްވި އާންމު އިންތިހާބުގައިވެސް އެންޕީޕީން ވަނީ ގާނޫނުހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.
އާ ސަރުކާރުގެ އަމާޒަކީ ކުރީގެ ސިޔާސީ ނިޒާމުގެ ތެރޭގައި އޮތް ގޯސް އާދަތައް ދެމެހެއްޓުމުގެ ބަދަލުގައި، މުޅިން އާ ސިޔާސީ ސަގާފަތެއް ގައުމުގައި އާލާކުރުން ކަމަށް ލަންކާގެ ރައީސް ވިދާޅުވިއެވެ. މިއީ ހަމައެކަނި ވެރިކަން ކުރާ މޫނުތައް ބަދަލުވުމެއް ނޫން ކަމަށާއި، މިއީ ދައުލަތް ހިންގުމުގެ ނިޒާމާއި، ރައްޔިތުންނާމެދު ގެންގުޅޭ ވިސްނުމާއި އަމަލުތަކަށް ގެނެވޭ ބޮޑު ބަދަލެއް ކަމަށް ސަރުކާރުން ބުނެއެވެ. ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ މި އާ ސަގާފަތުގެ އެންމެ މުހިންމު އެއް ތަނބު ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، މިހާރު އޮތް ސަރުކާރަށް އެއްވެސް ކަހަލަ ސިޔާސީ ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަންވެސް ޑިސާނަޔަކަ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. އޭނާ މިހެން ވިދާޅުވެފައިވާއިރު، ސްރީލަންކާގެ ސިޔާސީ މައިދާނުގައި ކުރިން ނުފޫޒު ގަދަކޮށް އުޅުނު ފަރާތްތަކުގެ ބާރު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ސަރުކާރުން މިހާރު ދަނީ ކޮރަޕްޝަނާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފަށާފައެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިގުތިސާދީ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރައީސް ދިސާނަޔަކަ މި މޭރުމުން ވާހަކަދައްކަވާފައިވާއިރު، އެސްއެލްޕީޕީގެ ނޭޝަނަލް އޯގަނައިޒަރު އަދި ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ މިހާރު ހުންނެވީ ކޮރަޕްޝަންގެ މައްސަލައެއްގައި ރިމާންޑް ޖަލުގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސްރީލަންކަން އެއާލައިންސްގެ ބޯޓުތަކެއް ގަތުމާ ގުޅޭ މައްސަލައެއްގައި ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސިއާބޮކް) އިން ހިންގާ ތަހުގީގަކާ ގުޅިގެންނެވެ. ޖަލުގައި ހުންނަވައިގެން ނަމާލް ރާޖަޕަކްސަ ވަނީ އަނޫރާދަޕޫރާގައި ބޭއްވި އެއްވުމަށް މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި އޭނާ ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސީ ނުފޫޒަށް ބޯނުލަނބާނެ ކަމަށާއި، މި ދަތިތަކުގެ ސަބަބުން އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
އެންޕީޕީ ސަރުކާރުން ވެރިކަމަށް އައީ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވައުދުވަމުންނެވެ. އަދި ކުރީގެ ރާޖަޕަކްސަ ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. މި ތަހުގީގުތައް މިހާރު ވެސް ކުރިއަށްދާއިރު، ސަރުކާރުން ބުނެފައިވަނީ ކުށްވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެ ކަމަށެވެ.