އިނގިރޭސިވިލާތުގައި ޕްރޮސްޓޭޓް ކެންސަރު އަވަހަށް ދެނެގަތުމަށް ޓަކައި ގައުމީ ފެންވަރުގެ ސްކްރީނިން ޕްރޮގްރާމެއް ތަޢާރަފުކުރުމަށް، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ރިޝީ ސުނާކާއި އިނގިރޭސިވިލާތުގެ ނުފޫޒުގަދަ އަދި މަޝްހޫރު އެތައް ތަރީންނެއް ގުޅިގެން ސަރުކާރަށް ގޮވާލައިފިއެވެ.
މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ އިވެޓް ކޫޕާއަށް ފޮނުއްވި ޚާއްސަ ސިޓީއެއްގައި ރިޝީ ސުނާކްގެ އިތުރުން ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން، މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޖެރެމީ ކްލާކްސަން، ސްޓީވަން ފްރައި އަދި ސާ ސްޓީވް މެކްކުއީން ފަދަ ބޭފުޅުން ވަނީ ސޮއިކުރައްވާފައެވެ.
މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕްރޮސްޓޭޓް ކެންސަރަކީ މިހާރު އިނގިރޭސިވިލާތުގެ ފިރިހެނުންގެ މެދުގައި އެންމެ އާންމު ކެންސަރެވެ. އަދި ކޮންމެ 45 މިނެޓަކުން ފިރިހެނަކު މި ބަލީގައި މަރުވަމުންދާއިރު، އަހަރަކު ގާތްގަނޑަކަށް 12،000 މީހުން މި ބަލީގައި މަރުވެއެވެ. މީގެ މައިގަނޑު ސަބަބަކީ ބަލި ދެނެގަނެވެނީ މާ ބޮޑަށް ފެތުރި، ފަރުވާ ދިނުމަށް ދަތިވާ މަރުހަލާގައި ކަމަށްވުމެވެ.
ޚާއްސަކޮށް ކަޅު ނަސްލުގެ ފިރިހެނުންނާއި އާއިލާގައި މި ބަލީގެ ތާރީޚު އޮތް ފަރާތްތަކަށް މި ބަލި ޖެހުމުގެ ނުރައްކާ ދެގުނަ އިތުރު ނަމަވެސް، އެފަދަ ހައި ރިސްކް މީހުންނަށް ފަސޭހައިން ޓެސްޓު ހެދޭނެ އެކަށީގެންވާ ނިޒާމެއް އަދިވެސް ނެތް ކަމަށް މި ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އަދި މިދިޔަ މެއި މަހު "ނޭޝަނަލް ސްކްރީނިން ކޮމިޓީ" އިން ވަކި ޚާއްސަ ޖެނެޓިކް މައްސަލައެއް ހުންނަ މަދު ބަޔަކަށް މެނުވީ ސްކްރީނިން ފުރުސަތު ފުޅާނުކުރުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ވަނީ ބާރުއަޅާފައެވެ.
މީގެ އިތުރުން، އެމްއާރުއައި ޓެކްނޮލޮޖީގެ ސަބަބުން މިހާރު މި ބަލި ދެނެގަތުން ކުރިއަށްވުރެ ރައްކާތެރިވެފައި ސައްހަކަން އިތުރުވެފައިވާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މާލީ ގޮތުން ބެލިނަމަވެސް، ފެތުރިފައިވާ ކެންސަރަކަށް ފަރުވާ ދިނުމަށް ބަލިމީހަކަށް 127،000 ޕައުންޑް ޚަރަދުވާއިރު، ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ އެ ޚަރަދު 13،000 ޕައުންޑަށް ކުޑަކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މިފަދަ ޓާގެޓެޑް ސްކްރީނިން ޕްރޮގްރާމަކަށް އަހަރަކު ހޭދަވާނީ އެންއެޗްއެސް ގެ ބަޖެޓުގެ އެންމެ 0.01 އިންސައްތަ ނުވަތަ 25 މިލިއަން ޕައުންޑްކަން ވެސް ހާމަކޮށްފައިވެއެވެ.
ޕާލިމަންޓުގެ 250 އަށްވުރެ ގިނަ މެންބަރުންނާއި 100،000 އަށްވުރެ ގިނަ އާންމުން ސޮއިކޮށްފައިވާ ޕެޓިޝަނަކުން ވެސް މިކަމަށް ތާއީދު އޮތްކަން ފާހަގަކޮށް، ސިޓީ ނިންމާލަމުން ސަރުކާރަށް ގޮވާލާފައިވަނީ، އިތުރު ދިރާސާތަކަށް ދިހަވަރަކަށް އަހަރު މަޑުނުކޮށް، ފިރިހެނުންގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި ވަގުތުން ފިޔަވަޅު އަޅައިދިނުމަށެވެ.