ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ޙާފިޒުން އުފެދިފައިވަނީ މި ދުވަސްވަރު ކަމަށާއި، މިހާރު ރާއްޖޭގައި 322 ޙާފިޒުން އެބަތިބި ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅުވައިގެން ރޭ ބޭއްވި ޚާއްސަ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ޝަހީމްގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ވަގުތާ ހަމައަށް ރާއްޖޭގައި 322 ހާފިޒުން އެބަ ތިބި ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ޙާފިޒުންގެ އަދަދު 500އަށް އިތުރުކުރުން ކަމަށެވެ.
މީގެ އިތުރުން ޙާފިޒުންގެ އެލަވަންސް ވެސް ބޮޑުކޮށްދެއްވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅުވައިގެން ރޭ ބޭއްވި ޚާއްސަ ރަސްމީ ޖަލްސާގައި ވަޒީރު ޑރ. ޝަހީމް ވާހަކަދައްކަވަނީ... ފޮޓޯ; ޕީއެސްއެމްޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، މިވަގުތުވެސް 30 ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ގާއިމުކުރެވިފައިވާ ކަމަށެވެ.
އަދި 20 ތަނެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 58 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައިވެސް 30 އަށްވުރެ ގިނަ ތަންތަން ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
" ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޙާފިޡުން އުފެދިފައިވަނީ މި ދުވަސްވަރުގައި. ދިވެހިރާއްޖޭގައި 322 ޙާފިޡުން މިއަދު އެބަތިބި. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި އަދަދު 500 އަށް އެރުވޭތޯ މަސައްކަތް ކުރުން." ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ތާރީޚުގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ކަމަށްވާ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅަށް ނިސްބަތްވާ މިސްކިތުގެ ބިންގާ ވަރަށް އަވަހަށް އެޅިގެންދާނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
ރާއްޖެ މިއަދާ ހަމައަށް އިސްލާމީ ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މައިގަނޑު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މާތް ﷲގެ ފަޟުލުވަންތަކަމުގެ އިތުރުން ދުސްތޫރީ އަދި ގާނޫނީ ގޮތުން އިސްލާމްދީން ޙިމާޔަތްކުރެވިފައި އޮތުމަކީ މުހިންމު ސަބަބެއް ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް އިސްލާމްދީނާ ޚިލާފުނުވާނޭ ގޮތަށް ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް މަޖިލީހުގެ ތެރޭގައި ޤާއިމުވެފައި އޮންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ގައުމަށް ދީނީ ގޮތުންނާއި މިނިވަންކަމުގެ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުގައި ދިވެހިން އަބަދުވެސް އެއްބައިވަންތަކަން އިސްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް، ދީނާއި ޤައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމުގައި އެންމެން އެކަތިގަނޑަކަށްވެ އަޚުވަންތަކަން ދެމެހެއްޓުމަށް ވަޒީރު ގޮވާލެއްވިއެވެ.