އިސްލާމީ ޝަރީއަތާ އެއްގޮތަށް ގާނޫނުތައް ހަދައި، ތަންފީޒީ ނިޒާމެއް ބައްޓަން ކުރަން ޖެހޭ: ޚުތުބާ

ބަޔަކު މިސްކިތުގައި ނަމާދުކުރަނީ: ޚުތުބާގައި ގޮވާލީ، އިސްލާމީ ޝަރީއަތާ އެއްގޮތަށް ގާނޫނުތައް ހަދައި، ތަންފީޒު ކުރުމަށް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމީ ޝަރީއަތުގެ ހުކުމްތަކާ އެއްގޮތަށް ގާނޫނުތައް ހަދައި، ތަންފީޒީ ނުވަތަ ގަޟާއީ ނިޒާމެއް އޭގެ މައްޗަށް ބައްޓަން ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިއްވި ޚުތުބާގައި އަލިއަޅުވާލީ، އިސްލާމް ދީނުގައި ސާބިތުވުމުގެ ވާހަކަތަކަށެވެ.

ޚުތުބާގައި ވަނީ، އިސްލާމް ދީނުގެ ހިދާޔަތުގައި ރާއްޖެ 900 އަހަރުވަންދެން ދެމިތިބިކަން ފާހަގަކޮށްފައެވެ. މިގޮތުން، މި ނުވަ ޤަރުނުގެ ތެރޭގައި އެއްބައިވަންތަކަމާއި މިނިވަންކަމާ އެކު ރާއްޖެ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ދިވެހީންނަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެވޭނީ އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައިގެންކަމާމެދު ޝައްކެއްނެތް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ބަޔަކު ނަމާދުކުރަނީ -- ސަން ފޮޓޯ: އާއިޝް އަޝްރަފް

ޚުތުބާގައި ކިޔައިދިން ގޮތުގައި، މުޖުތަމަޢެއްގައި، އިސްލާމްދީން ދެމިއޮންނާނީ ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް ތަރުބިޔަތު ދީގެންނާއި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެންނެވެ.

މިގޮތުން، ޚުތުބާގައި ވަނީ، އިސްލާމްދީނުގެ މަތިވެރި އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް ޓަކައި މި ޒަމާނުގައި ކުރެވިދާނެ ކަންކަން ބަޔާންކޮށްފައެވެ.

އެއް ކަމަކަށް ޚުތުބާގައި ފާހަގަކުރީ، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ.

ދެން ޚުތުބާގައި ގޮވާލީ، އިސްލާމީ ޝަރީޢަތުގެ ޖިނާއީ، މަދަނީ، ޢާއިލީ، އަދި މާލީ ޙުކުމްތަކާ އެއްގޮތަށް ޤާނޫނުތައް ހަދައި އޭގެ މައްޗަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަށެވެ.

"ދިވެހިރާއްޖޭގައި އިސްލާމްދީން މިހައިތަނަށް ވެސް ދެމިއޮތީ މާތް ﷲ ގެ ފަޟުލުވަންތަކަމަށް ފަހު ދިވެހި ދައުލަތުން އެކަމަށް ދިން މުހިންމުކަމުގެ ސަބަބުންނާއި ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ދީން ޙިމާޔަތްކުރެވިފައި އޮތުމުގެ ސަބަބުންނާއި، ދިވެހީންގެ މެދުގައި އިސްލާމް ދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. މިހެންކަމުން މިކަންކަން އިތުރަށް ހަރުދަނާކުރާންޖެހޭ،" ޚުތުބާގައި ބުންޏެވެ.

މީގެއިތުރުން، އިސްލާމީ އުސޫލުތައް ނެގެހެއްޓުމާއި އިންތިޚާބީ މެނިފެސްޓޯތަކުގައި އިސްލާމީ ޝަރީއަތުގެ މަގުސަދުތައް ހިމާޔަތްކުރެވޭނެ ފަދަ ކަންކަން ހިމަނައި، ތައުލީމީ މަންހަޖު ފަރުމާކުރުމުގައި އިސްލާމީ އަގީދާ ހިމާޔަތް ކުރެވޭނެ ގޮތްތައް ބަލަން ޖެހޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

ބަޔަކު ނަމާދު ކުރަނީ --- ފޮޓޯ/ގޭޓް.އަހްރާމް.އޯގް.އީޖީ

ޚުތުބާގައި ބުނީ، ގައުމުގެ އިސްލާމީ ޢަޤީދާ ޙިމާޔަތްކުރުމަށް ބާރުދިނުމުގެ ގޮތުން، އިސްލާމީ މަރުކަޒުތަކާއި މިސްކިތްތަކާއި އިސްލާމީ ލައިބްރަރީތައް ޤާއިމުކުރެވިދާނެ ކަމަށެވެ. އެއީ، މިއަދުގެ ޖީލުގެ ހިތްތަކުގައި އިސްލާމްދީން ސާބިތުކޮށްދިނުމުގެ އިތުރަށް، އަންނާން އޮތް ޖީލުތަކަށް އިސްލާމްދީން ވާރުތަކޮށްދޭނޭ ކަންކަމުގެ ގޮތުގައި ޚުތުބާގައި ސިފަކުރިއެވެ.

ހަމައެހެންމެ، ޖަމާޢަތުގައި ނަމާދުކުރުމާއި މުޖުތަމަޢުގައި އިސްލާމީ އަޚުލާޤު ދެމެހެއްޓުމާއި ބޮޑެތިމީހުންނަށް ކަމޭހިތުމާއި ކުޑަކުދީންނަށް އޯގާތެރިވުމާއި މީސްތަކުންނަށް ހެޔޮކޮށްހިތުން ފަދަ ކަންކަން ދަމަހެއްޓުމަށް ޚުތުބާގައި ވަސިއްޔަތްކުރިއެވެ.

ޚުތުބާގައި ވަނީ، ކޮންމެ ޢާއިލާއަކުން ވެސް އެ ޢާއިލާއެއްގެ ދަރީންނާއި އެންމެހައި އަފުރާދުން އިސްލާމީ ތަރުބިޔަތުގެ މަތީގައި ބޮޑުކުރަން މަސައްކަތް ކުރުމަށް ގޮވާލާފައެވެ. މިގޮތުން، މާތް ﷲ މަޢުރިފާކޮށް ދެނެގަތުމާއި އެކަލާނގެ ރަސޫލާއަށް އީމާންވާން ދަސްކޮށްދިނުމާއި އެކަލޭގެފާނުގެ ޝަޚުޞިއްޔަތުގެ ރިވެތި ސިފަތައް ދަސްކޮށްދީ މި ޖީލުގެ ކުދިން ނަމާދު ކުރާން ހާނުވާންވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާ ނިންމާލީ، އެ ކަންކަމުގެ މައްޗަށް ތައުފީގު ދެއްވުން އެދި ﷲއަށް ދުއާކުރަމުންނެވެ.

comment ކޮމެންޓް