ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމާއެކު މުޅި ރާއްޖެއަށް މިއަދު މޫސުން ގޯސްވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް، މިއަދުގެ 14:00 އާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.
މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
https://x.com/MetMaldives/status/2098990731369267638
މެޓް އޮފީހުން މިއަދުގެ އިރު އޮއްސި 18:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.
ވައިޖެހޭ ބާރުމިނަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދު ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުތަކުގެ އުސްމިނުގައި ފަސް ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ވިއްސާރަވެ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ހަފާކޮށްފައިވާއިރު، ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑު އަތޮޅު ގަމަށެވެ. އެގޮތުން ގަމަށް ވަނީ 100.5 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.
މެޓުން އާންމުކޮށްފައިވާ ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވާރޭ ރެކޯޑުކުރެވުނު ރަށްތައް --- ފޮޓޯ: މެޓް އޮފީސް ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ތިނަދޫއަށެވެ. އެ ރަށަށް 87.6 މިލިލީޓަރުގެ ވާރޭވެހިފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ހިތަދޫއަށެވެ. އެ ރަށަށް 80.9 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މޫސުން ގޯސް ދުވަސްވަރަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން އަބަދުވެސް ހަނދާންކޮށްދެއެވެ.