ފޭދޫގައި ފެން ވަދެ ގެއްލުންވި ގެތަކުގެ އަދަދު 70އަށް، އެއް ގެ ދިރިނޫޅެވޭ ހާލަތަށް

ވާރޭވެހި ފެންބޮޑުވެ، ގެއެއްގެ ތެރޭގައި ފެން ބޮޑުވެފައި: ފޭދޫގައި ފެން ވަދެ ގެއްލުންވި ގެތަކުގެ އަދަދު 70އަށް އަރާ --- ފޮޓޯ: އެންޑީއެމްއޭ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އައްޑޫ ސިޓީ ފޭދޫގެ 70 އަށްވުރެ ގިނަ ގެތަކަށް ފެންވަދެފައިވާއިރު، އެއް ގެ ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެގޮތުން ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އިއްޔެ އައްޑުއާއި ފުވައްމުލަކަށް އޮރެންޖު އެލާޓް ވެސް ނެރުނެވެ.

އެންޑީއެމްއޭއިން އިއްޔެ ވަނީ ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބުނެފައެވެ.

މިއަދު އެ އިދާރާއިން ބުނި ގޮތުގައި، މިއަދުގެ ހެނދުނާ ހަމައަށް، ފޭދޫގެ 70އަށް ވުރެ ގިނަ ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިގެން ވަނީ ރިޕޯޓުކޮށްފައެވެ.

އޭގެ ތެރެއިން އެއް ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި، ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެ، އެ ގޭގައި ދިރިއުޅޭ އަށް މީހުން މިހާރު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދިނެވެ.

މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫގެ ދެ ގެއަކަށް ފެންވަދެގެން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އަދި އެ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށް ވެސް މެދުނުކެނޑި ވިއްސާރަކުރަމުންދާކަން އެ އޮތޯރިޓީއިން ވަނީ ފާހަގަކޮށްފައެވެ.

ފުވައްމުލަކުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، ފެންބޮޑުވި ހުރިހާ ރަށެއްގައި ފެންހިންދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ކައުންސިލްތައް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދިނެވެ.

ވާރޭވެހި ފެންބޮޑުވެ ގޭތެރޭގައި ފެން ބޮޑުވެފައި --- ފޮޓޯ: އެންޑީއެމްއޭ

މީގެ އިތުރުން ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވަނީ މިއަދުގެ އިރުއޮއްސި 18:00 އަށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

އެ ގަޑިތަކުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން، ތިން ފޫޓާއި ހަތް ފޫޓަށް ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް