ސައުދީ ޢަރަބިއްޔާގެ މުހިންމު "އީސްޓް-ވެސްޓް ޕައިޕްލައިން" އަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން މިރޭ ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ، އިރާގުގެ ސަރަޙައްދުގެ ތެރެއިން އައި ގިނަ އަދަދެއްގެ ޑްރޯންތަކުން ސަޢޫދީގެ ރިޔާޒާއި މަދީނާގެ ސަރަޙައްދުގައިވާ ތެޔޮ ހޮޅިތަކަށް ހަމަލާ ދީފައިވާ ކަމަށެވެ. މި ހަމަލާގައި އާންމު ރައްޔިތުންނަށް އަނިޔާވެ، ތެޔޮ ހޮޅިއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
މިފަދަ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގްލާލަށް އަރައިގަތުން ކަމަށާއި، މިއީ މުޅި ސަރަޙައްދުގެ ސުލްހަޔާއި، އަމަންއަމާންކަމާއި ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކޮށް، ސަޢޫދީގެ ސިޔާދަތާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
"އީސްޓް-ވެސްޓް ޕައިޕްލައިން" އަކީ ސައުދީގެ އިރުމަތީ ސަރަޙައްދުގެ ތެޔޮ ވަޅުތަކުން ހުޅަނގުގައިވާ ރަތްކަނޑުގެ އައްސޭރިއަށް ތެޔޮ އުފުލުމަށް ބޭނުންކުރާ މައި ހޮޅިއެކެވެ. ހަކަތަ ފޯރުކޮށްދޭ މިފަދަ މުހިންމު ވަސީލަތްތަކަށް ހަމަލާދިނުމަކީ ތެލުގެ ބާޒާރަށާއި މެދުއިރުމަތީގެ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ.