އިންޑިއާގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ބްރާންޗެއްގައި މުވައްޒަފުންގެ މޫނަށް ފުނޑުކުރި ހިކިމިރުސް ޖެހުމަށްފަހު ހަތަރު ލައްކަ ރުޕީސް ފޭރިގެންފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ނާގްޕޫރުގެ ސައްކަރްދާރާ ސަރަހައްދުގައި ހުންނަ އެސްބީއައިގެ ބްރާންޗެއްގައި މިދިޔަ ބުރާސްފަތި ދުވަހެވެ.
އެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މޫނު ނިވާކޮށްގެން ހުރި މީހަކު ކޮތަޅެއްގައި ހުރި، ޗިލީ ޕައުޑަރު ކަމަށް ބެލެވޭ އެއްޗެއް ހިފައިގެން މުވައްޒަފުންގެ ފަހަތުން ދުވާ މަންޒަރު ހިމެނެއެވެ. އަދި މޭޒުތައް މަތިން އަރައި، ކޮތަޅުގައި ހުރި އެއްޗެހި މުވައްޒަފުންގެ މޫނަށް ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ވައްކަމުގައި އެ މީހާ ވަނީ 4.53 ލައްކަ ރުޕީސް (4,740 ޑޮލަރު) ފޭރިގަނެފައެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު 5:30 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ 28 އަހަރުގެ ސޫރަޖް ބޯރްކަރް ވަނީ، ފައިސާ ފޭރިގަތްތާ 30 މިނެޓު ތެރޭގައި ހައްޔަރުކޮށްފައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އޭނާ ހައްޔަރުކުރީ ބޭންކާ ގާތްގަނޑަކަށް އެއް ކިލޯމީޓަރު ދުރުން ކަމަށާއި ހުރިހާ ފައިސާއެއް އަލުން ހޯދައިފައިވާ ކަމަށް ނޫސްތަކުގައިވެއެވެ.
އެ ހާދިސާ ހިނގާފައިވަނީ އޭޓީއެމްއަކުން ފައިސާ ނެގުމަށްފަހު ބޭންކުގެ މުވައްޒަފުން އެނބުރި ބްރާންޗަށް އައިސް ފައިސާ ގުނަން ތިބި ވަގުތުގައެވެ.
ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކުރި ސޫރަޖަކީ ސައިންސް ޑިގްރީއެއް ހާސިލުކުރި ނަމަވެސް މިހާރު ވަޒީފާއެއް ނެތި އުޅޭ މީހެކެވެ. އަދި އޭނާ މިކަން ކުރީ ސްޓޮކް މާކެޓުން އޭނާގެ އިންވެސްޓްމެންޓްތަކަކަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން ބޮޑެތި ދަރަނިތަކެއް އަދާކުރަން ޖެހިފައިވާތީ ކަމަށް ތަހުގީގަށް އޭނާ ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ބޭންކަށް ފައިސާ ގެންނަ ވަގުތުތައް އޭނާއަށް އެނގުނު ގޮތަކާއި، މިކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ހާދިސާ ހިނގި ގޮތް ބޭންކުގެ ސީސީޓީވީ ކެމެރާތަކަށް ރެކޯޑުކުރެވިފައިވާއިރު، އެ މަންޒަރުތައް މިހާރު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.