އަނބިމީހާ މަރާލުމަށްފަހު، އެއީ އެކްސިޑެންޓެއް ކަމަށް ދައްކަން އުޅުނު އިންޑިއާ މީހަކު އުމުރަށް ޖަލަށް

އަނބިމީހާގެ މަރަކީ އެކްސިޑެންޓެއް ކަމަށް ދައްކަން އުޅުނު އިންޑިއާ މީހަކު އުމުރަށް ޖަލަށް ލުމަށް އެ ޤައުމުގެ ކޯޓަކުން ވަނީ ޙުކުމްކޮށްފައި--ފޮޓޯ/އެންޑީޓީވީ

މީގެ ތިން އަހަރު ކުރިން އިންޑިއާގެ ތެލަންގާނާ ސްޓޭޓްގެ ކުމުރަމް ބީމް އާސިފްއާބާދު ޑިސްޓްރިކްޓްގައި އަނބިމީހާ މަރާލުމަށްފަހު، އެއީ މަގުމަތީގެ އެކްސިޑެންޓެއް ކަމަށް ދައްކަން މަސައްކަތްކުރި ފިރިހެނަކު އުމުރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ޗިޗުޕައްލީ އަވަށަށް ނިސްބަތްވާ ތޯޑަސަމް ޝާމްރާއޯ، އޭނާގެ އަނބިމީހާ ސަންދިޔާރާނީ މަރާލިކަން ސާބިތުވުމާ ގުޅިގެން، ޑިސްޓްރިކްޓް އެންޑް ސެޝަންސް ކޯޓުން އޭނާގެ މައްޗަށް މި ހުކުމް އިއްވީ މިދިޔަ އަންގާރަ ދުވަހެވެ. މި ހުކުމުގެ އިތުރުން 15،000 ރުޕީސްއިން އޭނާ ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ ސަރަޙައްދުގެ އެސްޕީ ނިތިކާ ޕަންޓް ވިދާޅުވި ގޮތުގައި، ހާދިސާ ހިނގި ދުވަސްވަރު ޝާމްރާއޯ ވަނީ ފުލުހުންނަށް އޮޅުވާލައި ދޮގު މައުލޫމާތު ދީފައެވެ. އޭނާ އޭރު ބުނެފައިވަނީ، ސައިކަލުގައި ދަނިކޮށް ފޯނު ވެއްޓުމުން އެ ނަގަން ސައިކަލުން ފޭބި ވަގުތު، ބާރު ދުވެލީގައި ދުއްވާފައިދިޔަ އުޅަނދަކުން ޖެހި އަނބިމީހާ، މަރުވީ ކަމަށެވެ.

ނަމަވެސް، ސަންދިޔާރާނީގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅުގެ ވަފާތެރިކަމާމެދު ޝައްކު އުފެދިގެން ޝާމްރާއޯ އޭނާ މަރާލީ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައެވެ. ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުން ސާބިތުވި ގޮތުގައި، ޝާމްރާއޯ ވަނީ އޭނާގެ އަނބިމީހާއަށް އަނިޔާވެރިކޮށް ހަމަލާދީ މަރާލުމަށްފަހު، އެ ކުށް ފޮރުވުމުގެ ގޮތުން އެއީ މަގުމަތީގެ އެކްސިޑެންޓެއްގެ ގޮތުގައި ދައްކަން ރާވާފައެވެ.

މި މައްސަލައިގައި ހުށަހެޅުނު އެންމެހައި ހެކިތަކަށް ރިޢާޔަތްކޮށް ކޯޓުން ވަނީ ޝާމްރާއޯގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

comment ކޮމެންޓް