އިންޑިއާގެ ބޮންޑް މުއާމަލާތްތަކަށް ޑިޖިޓަލް ރުޕީސް ބޭނުންކުރަން ފަށައިފި

އިންޑިއާގެ ބޮންޑް މުއާމަލާތްތަކަށް ފުރަތަމަ ފަހަރަށް އެ ގައުމުގައި ޑިޖިޓަލް ރުޕީސް ބޭނުންކުރަން ފަށައިފިއެވެ.

އިންޑިއާގައި ޓޯކަނައިޒްކޮށްފައިވާ ކޯޕަރޭޓް ބޮންޑުގެ ތިން މުއާމަލާތެއް ޑީމެޓް 2.0 ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ފުރިހަމަކޮށްފައިވާއިރު، ޖުމްލަ 1،025 ކްރޯޑް ރުޕީސްގެ މި މުއާމަލާތްތައް ނިންމާފައިވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ގެ ހޯލްސޭލް ޑިޖިޓަލް ރުޕީސް ބޭނުންކޮށްގެންނެވެ.

ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ބޯޑް އޮފް އިންޑިއާ (ސެބީ) އިން ހާމަކުރާ ގޮތުގައި، ޑީމެޓް 2.0 ޕައިލެޓް ޕްރޮޖެކްޓުން އިންޑިއާގެ ސްޓެޓިއުޓަރީ ޑިޕޮޒިޓަރީތަކުގެ ޑިސްޓްރިބިއުޓެޑް ލެޖާ އާއި އާރްބީއައިގެ ޔުނިފައިޑް މާކެޓް އިންޓަފޭސް ގުޅުވާލަދެއެވެ. މީގެ ސަބަބުން އެޓޮމިކް ސެޓްލްމަންޓް މެދުވެރިކޮށް ބޮންޑާއި ފައިސާ އެއްފަހަރާ ޓްރާންސްފާ ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މިގޮތުން ފުރަތަމަ މުއާމަލާތް މި މަހުގެ ހަތްވަނަ ދުވަހު އާރްއީސީ ލިމިޓެޑުން ކުރިއަށް ގެންގޮސްފައިވާއިރު، 18 އިންވެސްޓަރުންގެ ފަރާތުން 500 ކްރޯޑް ރުޕީސް ވަނީ ހޯދާފައެވެ.

https://sun.mv/171090

މީގެ އިތުރުން މި މަހުގެ ނުވަވަނަ ދުވަހު ލާސަން އެންޑް ޓޫބްރޯ (އެލްއެންޑްޓީ) އިން ވަނީ 500 ކްރޯޑް ރުޕީސްގެ ބޮންޑެއް ވިއްކާފައެވެ. މި ބޮންޑު ގަނެފައިވަނީ ހަތަރު ފަރާތަކުންނެވެ. ހަމަ އެ ދުވަހު އައިއައިއެފްއެލް އިން 25 ކްރޯޑް ރުޕީސްގެ ބޮންޑެއް އެންމެ އިންވެސްޓަރަކަށް ވަނީ ވިއްކާފައެވެ. މުމްބާއީގައި ބޭއްވި ގްލޯބަލް ފިންޓެކް ފެސްޓްގައި ސެބީ އާއި އާރްބީއައި ގުޅިގެން މި ޕައިލެޓް ޕްރޮޖެކްޓް ތައާރަފުކޮށްދެއްވީ ސެބީގެ ޗެއާމަން ތުހިން ކާންތާ ޕާންޑޭ އާއި އާރްބީއައިގެ ގަވަރުނަރު ސަންޖޭ މަލްހޯތުރާއެވެ.

މިއީ ސެކިއުރިޓީ އިޝޫކުރުމުގެ އައު ވައްތަރެއް ނޫންކަމަށާއި، އަދި މިއީ ފައިސާ ދެއްކުމުގައި ކުންފުނިތަކުގެ ޒިންމާއަށް ބަދަލެއް އަންނާނެ ކަމެއް ނޫންކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ޓޯކަނައިޒްކޮށްފައިވާ މި ބޮންޑުތަކުގައި ކުރިން ވެސް ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓާއި، މުއްދަތު ހަމަވާ ތާރީޚުގެ އިތުރުން ޤާނޫނީ ހައްގުތައް އޮންނާނެއެވެ. އަދި ކްރެޑިޓް ރޭޓިންއާއި، ޑިބެންޗާ ޓްރަސްޓީންނާއި، އެކްސްޗޭންޖްތަކުގައި ލިސްޓުކުރުމުގެ އިތުރުން ކުންފުނިތަކުން ހާމަކުރަންޖެހޭ މައުލޫމާތުތަކާ ގުޅޭ މިހާރުގެ އުސޫލުތަކަށް އަމަލުކުރަމުންދާނެއެވެ.

މި ބޮންޑުތަކުގެ މިލްކުވެރިކަމުގެ މައުލޫމާތު ރައްކާކުރެވިފައި ހުންނާނީ އިންޑިއާގެ ރެގިއުލޭޓެޑް ޑިޕޮޒިޓަރީތަކުން ބަލަހައްޓާ ޑިސްޓްރިބިއުޓެޑް ލެޖާ ސިސްޓަމެއްގައެވެ. އިންވެސްޓަރުންނަށް އެފަރާތްތަކުގެ މިހާރު ހުރި ޑީމެޓް އެކައުންޓްތައް ބޭނުންކޮށްގެން މި ސެކިއުރިޓީތައް ގެންގުޅެވޭނެއެވެ. އެހެންކަމުން އިތުރު ސެކިއުރިޓީ އެކައުންޓެއް ނުވަތަ ވެރިފިކޭޝަން މަރުހަލާއެއް ފުރިހަމަކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް، ފައިސާގެ މުއާމަލާތްތައް އާރްބީއައިގެ ފައިސާއިން ކުރެވޭތީ، މިކަމުގައި ބައިވެރިވެވޭނީ ޑީމެޓް 2.0 ގެ ޚިދުމަތްދޭ ބޭންކެއްގައި ހޯލްސޭލް ޑިޖިޓަލް ރުޕީސް ވޮލެޓެއް ހުޅުވާފައިވާ އިންވެސްޓަރުންނަށެވެ.

ސެބީން ސިފަކުރާ ގޮތުގައި މިއީ ޑިސްޓްރިބިއުޓެޑް ލެޖާ ބޭނުންކޮށްގެން ކޯޕަރޭޓް ބޮންޑު އިޝޫކޮށް އަދި ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ (ސީބީޑީސީ) މެދުވެރިކޮށް ފައިސާ ދައްކާ އިންޑިއާގެ އަމިއްލަ ފުރަތަމަ ނިޒާމެވެ. އެހެން ގައުމުތަކުގައި މިފަދަ ނިޒާމުތައް ބިނާކޮށްފައިވަނީ ވަކިވަކި ކުންފުނިތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްލެޓްފޯމްތަކުގެ މައްޗަށެވެ.

މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި އަމާޒުކޮށްފައިވަނީ ކޯޕަރޭޓް ބޮންޑު އިޝޫކުރުމަށެވެ. ސެބީން ބުނާ ގޮތުގައި އިޝޫކުރުމުގެ މަރުހަލާ އަދިވެސް ދަނީ ކުރިއަށެވެ. ދެވަނަ ފިޔަވަހީގައި ޓޯކަނައިޒްކޮށްފައިވާ ބޮންޑުތަކާއި އިންޑިއާގެ މިހާރުގެ ރިކުއެސްޓް-ފޯ-ކޯޓޭޝަން ޕްލެޓްފޯމްތައް ގުޅުވާލާނެއެވެ. މިއާއެކު ރެގިއުލޭޓްކުރެވިފައިވާ މާކެޓް މާހައުލެއްގައި މި ސެކިއުރިޓީތައް ގަނެވިއްކުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މީގެ ކުރިން އޮކްޓޯބަރު 2025 ގައި ޔޫނިއަން މިނިސްޓަރު ޕިޔޫޝް ގޯޔަލް ވަނީ އާރްބީއައިގެ ބެލުމުގެ ދަށުން ޑިޖިޓަލް ކަރަންސީއެއް ތައާރަފުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން އިއުލާންކުރައްވާފައެވެ. އަދި އެއްވެސް އެސެޓެއްގެ ބެކިން ނެތް އަމިއްލަ ކްރިޕްޓޯކަރަންސީތަކަށް ސަރުކާރުން ތާއީދުނުކުރާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އާދައިގެ ބޭންކިން ނިޒާމުތަކާ ހިލާފަށް، އާރްބީއައިގެ ޑިޖިޓަލް ކަރަންސީގެ އަމާޒަކީ މުއާމަލާތްތައް ފަސޭހަކުރުމާއި، އަވަހަށް އަދި ޓްރޭސްކުރެވޭ ގޮތަށް ފައިސާ ދެއްކޭނެ މަގު ތަނަވަސްކުރުމުގެ އިތުރުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމެވެ.

comment ކޮމެންޓް