ކްލަބް އީގަލްސްގައި ނަން މަޝްހޫރު މާގިނަ ކުޅުންތެރިން ނެތް ނަމަވެސް، އެކަން ބަލަނީ ޓީމަށް ލިބޭ އިތުރު މޯޓިވޭޝަނެއްގެ ގޮތުގައި ކަމަށް ޓީމުގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.
މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:00 ގައެވެ. މި މެޗުގައި އީގަލްސް ނުކުންނާނީ މިދިޔަ ސީޒަނުގައި ދެވަނަ ޑިވިޝަން ނުވަތަ މާލެ ރީޖަންގެ ޗެމްޕިއަންކަން ހޯދި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދަައްކަމުން ބެންޖޯ ބުނީ ޓީމުގައި ބޮޑެތި ނަންތައް ނެތުމަކީ މައްސަލައަކަށް ހެދުމުގެ ބަދަލުގައި، ތިބި ކުޅުންތެރިންނަށް އެކަން އިތުރު ހިތްވަރަކަށް ހެދިދާނެ ކަމަށެވެ. އަދި އީގަލްސް އިން ޓާގެޓެއް ކަނޑައަޅައިގެން ނުކުންނައިރު، މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް ހާސިލްކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ކޯޗަކަށް ހުރެ ނުބުނާނަން ނުވާނެއެކޭ. މީގެ އިންނާނީ މަސައްކަތް، ޕްލޭޔަރުންގެ ގޮތުގައި، ތަފާތު މޮޅެތި ކުޅުންތެރިން ގިނަ ކްލަބްތައް އެބައޮތް. އެހެން ނަމަވެސް، އީގަލްސްގެ ވެސް އެބަތިބި ރަނގަޅު ޕްލޭޔަރުން، އަޅުގަނޑު ހަމަ، ވަރަށް އިތުބާރު ކުރަން، އަޅުގަނޑުމެންނަށް ވެސް އެކަން ކުރެވިދާނެކަން. ހަމަ ގަދަ ހަތަރަކަށް ވާދަކޮށްލެވޭނެ އީގަލްސް ވެސް،" ބެންޖޯ ބުންޏެވެ.
ބެންޖޯ ބުނީ، ވަރަށް ގިނަ ދުވަހުގެ ބްރޭކަކަށް ފަހު އަލުން ލީގު ފަށާއިރު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނާ ކުޅެން ޖެހުނު ނަމަވެސް، ޓީމުގެ ތައްޔާރީތަކާ މެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށެވެ. ފުޓްބޯޅައިގައި އޮންނަ ގޮތަކީ ލިބެން ތިބި ކުޅުންތެރިންނަށް އިތުބާރާއި ކޮންފިޑެންސް ދީގެން ކުރިއަށް ދިއުން ކަމަށާއި، ބޮޑެތި އުޒުރުތައް ދެއްކުމުގެ ބަދަލުގައި މިހާރު ތިބި ކުޅުންތެރިންނަށް ޔަގީންކަން ދީގެން ނުކުތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބެންޖޯ ބުންޏެވެ.
މިހާރު ކްލަބްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، މާލީ ދަތިކަމާ ހުރެ އީގަލްސް އަށް ވެސް ކުޅުންތެރިން ހޯދުމުގައި އުނދަގޫތަކާ ދިމާވިކަން ފާހަގަކޮށް ބެންޖޯ ބުނީ އީގަލްސް އިން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ޓީމު ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށާއި، ޒުވާން ކުޅުންތެރިންނަށް އިތުބާރުކުރުމަކީ ގޯސް ކަމެއް ނޫންކަން ގައުމީ ޓީމުގެ ނަތީޖާތަކުން ވެސް ސާބިތުވާ ކަމަށެވެ.