ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ގޯލްޑް ކެޕްޓަން އަކްރަމް އެނބުރި ދަނޑަށް

ގދ. ގައްދޫ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ވިކްޓްރީ ކުޅުނު މެޗުގައި އަކްރަމް-- ފޮޓޯ: އެފްއޭއެމް

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު އަކުރަމް އަބްދުލް ޣަނީ (އަކޫ) އެނބުރި ކުޅުމުގެ ތެރެއަށް އައި މެޗު ކާމިޔާބުކޮށް ވިކްޓްރީ ސްޕޯޓްސް ކުލަބުން އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ގދ. ގައްދޫ ރެކްރިއޭޝަން ކްލަބުގެ މައްޗަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދެވަނަ ޑިވިޝަނުގައި ވިކްޓަރީއަށް ކުޅުނު މެޗަށްފަހު ވާދަވެރި ފުޓްބޯޅައާ ދުރުގައި ހުރުމަށްފަހު، ރޭގެ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އަކޫ ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކައި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ގދ. ގައްދޫ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ވިކްޓްރީ ކުޅުނު މެޗުގައި އަކްރަމް-- ފޮޓޯ: އެފްއޭއެމް

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިން ކެޕްޓަން އެނބުރި އައުމަކީ، މި ސީޒަނުގެ ލީގު ތަށި ހޯދުމަށް ވިކްޓްރީން ކުރާ މަސައްކަތުގައި އެ ޓީމުގެ ފަހަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ގަލޮޅު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ވިކްޓްރީގެ ދެ ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. މެޗުގެ 18 ވަނަ މިނެޓުގައި އަޙްމަދު ހަސަން (އައްމަޑޭ) ވިކްޓްރީއަށް ލީޑު ނަގައިދިންއިރު، ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަޙްމަދު މާއިޝް ރަޝީދެވެ.

ގދ. ގައްދޫ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފުގައި ވިކްޓްރީން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ވިކްޓްރީގެ ކެޕްޓަން ނާއިޒް ހަސަން (ދާދު) އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، ގައްދޫއިން ކުރީ މެޗުތަކަށްވުރެ އަވަސް އަދި ހިތްވަރުގަދަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ވިކްޓްރީގެ ގޯލްކީޕަރު ފަހަތުގައި ކުރި ސޭވްތަކާއެކު ގައްދޫއަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މި މޮޅާއެކު ވިކްޓްރީ ވަނީ ކުޅުނު 5 މެޗުން 13 ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ އެއްވަނައިގައި މަގާމު އުރުވާލާފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ކުލަބު އީގަލްސްއަށް 4 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި މިހާތަނަށް އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ގައްދޫއެވެ. ގައްދޫ ކުޅުނު ހަ މެޗުންވެސް ވަނީ ބަލިވެފައެވެ.

comment ކޮމެންޓް