ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމާއެކު، ގަދަ ހޫނުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ހޫނު މޫސުމުގައި ބޭރުގައި އުޅޭ ވަގުތުތަކުގައި މިފަދަ ނުރައްކާތަކަށް ހުށަހެޅޭ މިންވަރު ބޮޑެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ހާލަތަކީ ހީޓް ސްޓްރޯކް އެވެ. ސިއްހީ މާހިރުން ބަޔާންކުރާ ގޮތުގައި، ހީޓް ސްޓްރޯކަކީ ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާހިލާފަށް މައްޗަށް ގޮސް، ދާހިއްލުން މެދުވެރިކޮށް ހަށިގަނޑު އަމިއްލައަށް ފިނިކުރުމުގެ ނިޒާމު ފޭލުވުމުން ދިމާވާ ނުރައްކާތެރި ހާލަތެކެވެ. މި ހާލަތުގައި ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް (104 ޑިގްރީ ފެރެންހައިޓް) އަށް ވުރެ މައްޗަށް ދެއެވެ. މިއީ ވަގުތުން ފަރުވާ ނުދެވިއްޖެ ނަމަ ސިކުނޑިއަށާއި އެތެރެހަށީގެ ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން އިންޒާރުދެއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ވެސް ވަރަށް ހޫނު ދުވަސްވަރެކެވެ. އެހެންކަމުން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން، އިއްޔެ ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ. ޚާއްސަކޮށް ހީޓް ސްޓްރޯކަށް ރައްކާތެރިވުމަށް ވަނީ އެދިފައެވެ.
ހީޓް ސްޓްރޯކްގެ އަލާމާތްތައް ދެނެގަތުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. ހޫނުވުމުގެ ސަބަބުން ދިމާވާ އާދައިގެ ވަރުބަލިކަމާއި (ހީޓް އެގްޒޯޝަން) ހީޓް ސްޓްރޯކާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރެއެވެ. ކްލީވްލޭންޑް ކްލިނިކް ފަދަ ސިއްހީ މުއައްސަސާތަކުން ފާހަގަކުރާ ގޮތުގައި، އާދައިގެ ވަރުބަލިކަމެއް ނަމަ މީހާ ވަރަށް ބޮޑަށް ދާހިއްލާނެއެވެ. އަދި ބޮލުގައި ރިއްސުމާއި، ހޮޑުލަވާގޮތް ވުމާއި، މަސްތަކަށް ތަދުވުމާއި، މީހާގެ މޫނުމަތި ފުސްވުން ފަދަ ކަންކަން ދިމާވާނެއެވެ. ނަމަވެސް މީހާގެ ހޭވެރިކަން ހުންނާނެއެވެ.
މީގެ ބަދަލުގައި ހީޓް ސްޓްރޯކް ޖެހުމުން، ބައެއް ފަހަރު ދާހިއްލުން އެއްކޮށް ހުއްޓި، ހަންގަނޑު ރަތްވެ ހޫނުވެއެވެ. އަދި އެންމެ ބޮޑު ތަފާތަކީ ސިކުނޑީގެ މަސައްކަތަށް ބަދަލުއައިސް، މީހާގެ ވާނުވާ ނޭނގުމާއި، ވާހަކަދައްކަން އުނދަގޫވުމާއި، ރުޅިގަދަވުމާއި، ފިޓުޖެހުން ނުވަތަ ހޭނެތުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެނުމެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، އެއީ އާދައިގެ ވަރުބަލިކަމެއް ކަމަށް ނުބަލައި ވަގުތުން ފިޔަވަޅު އަޅަންޖެހެއެވެ.
މި ނުރައްކާތެރި ހާލަތު ކޮންމެ މީހަކަށްވެސް ދިމާވެދާނެއެވެ. ނަމަވެސް ބައެއް ފަރާތްތަކަށް މި ނުރައްކާ މާ ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެއެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ކުޑަކުދިންނާއި، މާބަނޑު މީހުންނަކީ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމުގެ ގާބިލުކަން ނިސްބަތުން ކުޑަ ބައެއް ކަމަށްވާތީ، ހޫނުގެ އަސަރު އެންމެ އަވަހަށް ކުރާނެ މީހުންނެވެ. މީގެ އިތުރުން ހަކުރުބަލި، ހިތުގެ ބަލި، ނުވަތަ ނޭވާލާ ނިޒާމުގެ މައްސަލަތައް ފަދަ ދާއިމީ ބަލިތައް ހުންނަ މީހުންނަށްވެސް މީގެ ނުރައްކާ ބޮޑެވެ. ހަމައެހެންމެ، އިމާރާތްކުރުމުގެ ދާއިރާގައާއި ދަނޑުވެރިކަމުގައި އަވިގަދަ ވަގުތުތަކުގައި ބޭރުގައި މަސައްކަތްކުރާ މީހުންނާއި، ހޫނުގަދަ ދުވަސްތަކުގައި ކުޅިވަރު ކުޅޭ އެތުލީޓުންވެސް ހީޓް ސްޓްރޯކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.
ބ. ތުޅާދޫ ގައި ދުވަސްވީ މީހަކު ބައިސްކަލުގައި ދާއިރު އަންހެނަކު ހޫނުން ސަލާމަތްވުމަށް ކުޑަ ހިފައިގެން --- ސަން ފޮޓޯ; ފަޔާޒު މޫސާހީޓް ސްޓްރޯކުން ރައްކާތެރިވުމަށް ދުވަހީ އާދަތަކަށް ބަދަލުތަކެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޑަބްލިއުއެޗްއޯއިން ލަފާދޭ ގޮތުގައި، ހޫނު މޫސުމުގައި ކަރުނުހިއްކި ނަމަވެސް ގަވާއިދުން ފެން ބުއިން މުހިންމެވެ. އެގޮތުން ގަޑިއިރަކު ތަށްޓެއްގެ ފެން ބުއިމަށާއި، ދުވާލެއްގެ މައްޗަށް މަދުވެގެން ދެ ނުވަތަ ތިން ލީޓަރުގެ ފެން ބުއިމަށް އެ ޖަމިއްޔާއިން އިރުޝާދުދެއެވެ. ފެނުގެ އިތުރުން، ހަށިގަނޑުން މަދުވާ ލޮނުގެ ބައި ފޫބެއްދުމަށް އިލެކްޓްރޮލައިޓްސް އެކުލެވޭ ބުއިންތައް ބޭނުންކުރެވިދާނެއެވެ.
ބޭރަށް ނުކުންނައިރު ގަޔަށް ދޫ، ލުއި، އަދި މަޑު ކުލަތަކުގެ ކަފަ ހެދުން ލުމަކީ ހަށިގަނޑު ފިނިކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ގޭތެރެ ފިނިކޮށް ބެހެއްޓުމަށްޓަކައި، ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ކުޑަދޮރުތަކާއި ފަރުދާތައް ލައްޕާފައި ބެހެއްޓުމާއި، ރޭގަނޑު ފިނިވުމުން ދޮރުތައް ހުޅުވައި ވައި ދައުރުކުރަން ފުރުސަތު ދިނުމަކީ ރަނގަޅު އާދައެކެވެ. އަދި ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައި މަދުވެގެން ދެ ނުވަތަ ތިން ގަޑިއިރު އޭސީކޮށްފައިވާ ނުވަތަ ފިނި ތަނެއްގައި މަޑުކުރުމަށްވެސް ޑަބްލިއުއެޗްއޯއިން ބާރުއަޅައެވެ.
މީހަކަށް ހީޓް ސްޓްރޯކް ޖެހިއްޖެކަން ފާހަގަކުރެވިއްޖެ ނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލަސްނުކޮށް އެމްބިއުލާންސަށް ގުޅުމެވެ. ސިއްހީ އެހީތެރިން އަންނަންދެން، ބަލިމީހާ ވަގުތުން ހިޔާ ތަނަކަށް ނުވަތަ އޭސީކޮށްފައިވާ ފިނި ތަނަކަށް ބަދަލުކުރަންވާނެއެވެ. އެއަށްފަހު ހަށިގަނޑު ފިނިކުރުމުގެ މަސައްކަތް ފަށަންޖެހެއެވެ. އެމެރިކާގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އެޑްމިނިސްޓްރޭޝަން (އޯޝާ) ފަދަ އިދާރާތަކުން ލަފާދޭ ގޮތުގައި، އެންމެ އަވަހަށް ހަށިގަނޑު ފިނިކުރެވޭނީ ފިނި ފެންގަނޑަކަށް ނުވަތަ އައިސް ފެން އެކުލެވޭ ބާތުޓަބަކަށް މީހާ އެރުވުމުންނެވެ. އެކަން ކުރެވެން ނެތް ނަމަ، ބަލިމީހާގެ ބޭރުން ލާފައިވާ ބޯ ހެދުންތައް ބޭލުމަށްފަހު، ކަރުދޮށާއި، ކިހިލިފަތްދޮށާއި، އުކުޅުވަޅުގައި އައިސްޕެކް ނުވަތަ ފިނި ފެންފޮތި އަޅަންވާނެއެވެ. މީގެ އިތުރުން، ހަށިގަނޑަށް ފެން ބުރުވައި ފަންކާއަކުން ވައި ޖެއްސުމަކީވެސް އާތްވަށް ބަދަލުވުމުގެ ތެރެއިން ހޫނުމިން ދަށްކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.
ހޫނު މޫސުމުގައި އަމިއްލަ ސިއްހަތަށް ސަމާލުވުމުގެ އިތުރުން، އާއިލާގެ މީހުންނާއި އަވަށްޓެރިންގެ ހާލު ބަލައިލުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް މުހިންމު ކަމެކެވެ. ހާއްސަކޮށް އެކަނި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގުޅައި ހާލު އޮޅުންފިލުވުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރެއެވެ. ހޫނުގަދަ ދުވަސްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލައި އެޅުމުން، ބޮޑެތި ސިއްހީ މައްސަލަތަކުން ސަލާމަތްވެ، ދުޅަހެޔޮކަންމަތީ ދެމިތިބުމަށް މަގުފަހިވެގެންދާނެއެވެ. ކޮންމެ މީހަކުވެސް ބޭރުގައި އުޅޭއިރު ފެންފުޅިއެއް ގެންގުޅުމާއި، ހޫނުގަދަ ވަގުތުތަކުގައި ހިޔާ ހޯދުމަކީ މިއަދުން ފެށިގެން އާދަކުރަންވީ ކަންކަމެވެ.