އާއިލީ ޒިންމާތަކުގެ 'މެންޓަލް ލޯޑް': އަންހެނުންނަށް ބުރަބޮޑުވަނީ ކީއްވެ؟

ތިން ކުދިންގެ މަންމައެއް ބުނާ ގޮތުގައި އޭނާގެ ސިކުނޑި އަބަދުވެސް އޮންނަނީ ފުރިފައެވެ. ނިދަން އޮށޯންނައިރުވެސް ސިކުނޑީގައި އޮންނަނީ ކުރަންހުރި ކަންކަމުގެ ލިސްޓެކެވެ. މިއީ ގޭތެރޭގެ ކަންކަން ހިންގުމަށްޓަކައި ކުރަންޖެހޭ ކަންކަން ރޭވުމާއި، ހަނދާންކުރުމާއި، އަދި ކުރިއާލައި ވިސްނަންޖެހޭ ކަންކަމުގެ ސަބަބުން އުފުލަންޖެހޭ "ސިކުނޑީގެ ބުރަ" ނުވަތަ މެންޓަލް ލޯޑެވެ.

މީގެ ތެރޭގައި ކުދިންގެ ސްކޫލް ދަތުރުތައް ހަނދާންކުރުމާއި، ސްކޫލްގެ ވަޓްސްއެޕް ގްރޫޕްތައް ބެލުމާއި، ގޭތެރެއިން ސާފުކުރަންޖެހޭ ތަންތަން ފާހަގަކުރުމާއި، ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހެދުން ފަދަ އެތައް ކަމެއް ހިމެނެއެވެ. އޭނާ ސިފަކުރާ ގޮތުގައި މި ބުރައަކީ ދުވަހުގެ ތެރޭގައި ފުރެމުންދާ ތަށިދޮންނަ ސިންކެއް ފަދަ ކަމެކެވެ. އެހެން މީހަކު އެހީތެރިނުވެއްޖެނަމަ، ދުވަސް ނިމޭއިރު އެ ސިންކު ފުރިގެން ބަންޑުންވާނެއެވެ. އޭނާ ބުނި ގޮތުގައި، ކަމެއް ކޮށްދިނުމަށް ފިރިމީހާ ގާތު އެދެން ޖެހުމަކީވެސް އޭނާގެ ސިކުނޑިއަށް އިތުރުވާ ބުރައެކެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ 3،000 މައިންބަފައިން ބައިވެރިކޮށްގެން ޔުނިވާސިޓީ އޮފް ބާތު އަދި ޔުނިވާސިޓީ އޮފް މެލްބަން އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ސިކުނޑީގެ ބުރަ ބޭނުންވާ ގޭތެރޭގެ ކަންކަމުގެ 71 އިންސައްތަ އަދާކުރަނީ މައިންނެވެ. މީގެ ތެރޭގައި ގޭގައި ގެންގުޅޭ ތުވާލި ފަދަ ތަކެތި ދޮންނަންވީ ވަގުތު ހަނދާންކުރުމާއި، ފްރިޖުގައި ހުންނަ ކާބޯތަކެތި ހަލާކުވުމުގެ ކުރިން ބޭނުންކުރަން ހަނދާންކުރުން ފަދަ ކަންކަން ހިމެނެއެވެ.

ގޭތެރޭގެ މަސައްކަތުގައި ވަރުބަލި ވެފައިވާ އަންހެނެއް---

އެ ދިރާސާއިން ދެއްކި ގޮތުގައި ބައްޕައިން އާންމުކޮށް ކުރަނީ ސާވިސްކުރުން ފަދަ ދޭތެރެދޭތެރެއިން ކުރަންޖެހޭ ކަންކަމެވެ. ޔުނިވާސިޓީ އޮފް މެލްބަންގެ ޕްރޮފެސަރު ލިއާ ރަޕަނާ ވިދާޅުވި ގޮތުގައި، މިއީ ލޮލަށް ނުފެންނަ، އަދި ވަކި ހައްދެއް ނެތް ބުރައެކެވެ. އޮފީހަށް ދާއިރު ގޭގައި ހުންނަ ތަށިތައް ނުގެންދިޔަސް، ސިކުނޑީގެ ބުރަ ކޮންމެ ތާކަށް ދިޔަޔަސް މީހާއާއެކު ދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕޯޓްސްމައުތުގައި ދިރިއުޅޭ ތިން ކުދިންގެ މަންމައެއް ކަމަށްވާ އުމުރުން 35 އަހަރުގެ ސޯފިއާ ބުނި ގޮތުގައި، ކުދިންގެ ސްކޫލް ދަތުރުތަކަށް ފައިސާ ދެއްކުމާއި ކާއެއްޗެހި އޯޑަރުކުރުން ފަދަ ކަންކަން ކުރަނީ އޭނާގެ ފޯނުގައި އިންނަ އެޕްލިކޭޝަނަކުންނެވެ. ނަމަވެސް އޭނާގެ ފިރިމީހާ ދުވަހަކުވެސް އެ އެޕްލިކޭޝަން އަޅާފައެއް ނުވެއެވެ. ސޯފިއާ ބުނި ގޮތުގައި މިކަންކަމަކީ ހަމައެކަނި ކޮށްލަންޖެހޭ ކުދިކުދި ކަންކަމުގެ ގޮތުގައި އޭނާގެ ފިރިމީހާ ދެކެއެވެ. ނަމަވެސް އެއީ ހަމައެކަނި ކޮށްލާ ކަމެއް ނޫން ކަމަށާއި، އެކަމަށް ރާވައި، ކުރިއާލައި ވިސްނައި، އަބަދުވެސް 10 ފިޔަވަޅު ކުރީގައި ހުންނަންޖެހޭ ކަމަށް ސޯފިއާ ބުންޏެވެ.

ލަންޑަންގައި ދިރިއުޅޭ ދެ ކުދިންގެ ބައްޕައެއް ކަމަށްވާ ސޭމް ބެރީ ބުނި ގޮތުގައި، ފުރަތަމަ ދަރިފުޅު ލިބުމަށްފަހު އޭނާގެ އަންހެނުން މި ވާހަކަ ދެއްކުމުން އޭނާއަށް އެކަން މާބޮޑަކަށް ނުވިސްނުނެވެ. ސަބަބަކީ ނެޕީ ބަދަލުކުރުމާއި ކުއްޖާއަށް ކާންދިނުން ފަދަ ކަންކަން އޭނާ ކުރާތީއެވެ. އެހީތެރިވެދެވޭނީ ކޮން ކަމަކުންތޯ އޭނާ އަހާ ކަމަށާއި، ނަމަވެސް އެ ސުވާލުގެ ސަބަބުންވެސް ވިސްނުމުގެ ބުރަ ޖެހެނީ އަނެއް މީހާއަށް ކަމަށް ސޭމް ބުންޏެވެ.

ކްލިނިކަލް ސައިކޮލޮޖިސްޓް ނަތާޝާ ވޮލަސް ފާހަގަކުރެއްވި ގޮތުގައި، ގޭތެރޭގެ ކަންކަން ރޭވުމުގެ ޕްރެޝަރުގެ ސަބަބުން ސްޓްރެސްވެގެން ގިނަ އަންހެނުން އޭނާގެ ގާތަށް އާދެއެވެ. މިއީ އެންމެ ބޮޑު އެއް ކަންތައް ނޫން ކަމަށާއި، މިއީ އެތައް ސަތޭކަ ކުދިކުދި ކަންކަން ސިކުނޑިއަށް ޖަމާވެ، ސިކުނޑިއާއި ހަށިގަނޑަށް އަރާމެއް ނުލިބުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ނިދި މަޑުވުމާއި، ރުޅިގަދަވުމާއި، ނިންމުންތައް ނިންމަން އުނދަގޫވުން ފަދަ ކަންކަން މެދުވެރިވެއެވެ.

ޕޭރެންޓިން އެކްސްޕާޓް އަނީތާ ކްލިއާ ވިދާޅުވި ގޮތުގައި މިކަމުގެ އަސަރު ވަޒީފާގެ މާހައުލަށްވެސް ފޯރައެވެ. އާއިލީ ދިރިއުޅުން ދޫކޮށްލަން އަންހެނުން ބޭނުންނުވާތީ، ގިނަ ފަހަރަށް އަންހެނުން ނިންމަނީ ވަޒީފާގެ ކުރިއެރުން މަޑުޖައްސާލުމަށް ނުވަތަ ވަޒީފާ ދޫކޮށްލުމަށެވެ. ގޭތެރޭގެ ބުރަ ލުއިކުރެވިއްޖެނަމަ، ވަޒީފާގައި ރަނގަޅަށް މަސައްކަތްކުރުމުގެ ހަކަތައާއި ޝައުގުވެރިކަން އުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ތަފާތު އުފެދެން ދިމާވާ މައިގަނޑު ސަބަބަކީ ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގެ ތަފާތުކަމަށް ގިނަ އަންހެނުން ގަބޫލުކުރެއެވެ. އިނގިރޭސިވިލާތުގައި މައިންނަށް 52 ހަފްތާގެ މެޓާނިޓީ ލީވް ލިބޭއިރު، ބައްޕައިންނަށް ލިބެނީ އެންމެ ދެ ހަފްތާގެ ޕެޓާނިޓީ ލީވްއެވެ. ނަތާޝާ ވޮލަސް ވިދާޅުވި ގޮތުގައި، ގޭތެރޭގެ ހުރިހާ ކަމެއް އެނގޭ މީހަކީ މަންމަ ކަމަށް ވުމުން، ވަޒީފާއަށް އެނބުރި ދިޔަޔަސް ހުރިހާ ކަމަކު އެންމެން އަންނަނީ މަންމަގެ ގާތަށެވެ. މީގެ އިތުރުން ސަގާފީ ގޮތުން އައިސްފައިވާ އާދަތަކަކީވެސް މީގެ ސަބަބެކެވެ.

އެމެރިކާގައި ދިރިއުޅޭ ތިން ކުދިންގެ ބައްޕައެއް ކަމަށްވާ ޒެކް ވޮޓްސަން ބުނި ގޮތުގައި، އޭނާގެ ކާފަ ދުވަހަކުވެސް ކައްކާފައިނުވާއިރު، އޭނާގެ ބައްޕަ ކައްކާފައިވަނީ ވަރަށް މަދުންނެވެ. އޭނާގެ ކައިވެނީގެ ފުރަތަމަ ފަސް އަހަރު ގިނައިން ކެއްކީ އޭނާގެ އަންހެނުންނެވެ. ކައްކަން އެހީތެރިވާން ބޭނުންވެގެން ކާން ބޭނުމީ ކޯއްޗެއްތޯ އެހުމަކީވެސް އަންހެނުންގެ ސިކުނޑިއަށް އިތުރުވާ ބުރައެއްކަން އޭނާއަށް ފަހުން ވިސްނުނެވެ.

މި ބުރަ ލުއިކުރުމަށްޓަކައި ދެމަފިރިން ގުޅިގެން ކުރެވިދާނެ ކަންކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. ޒެކް ވޮޓްސަން ލަފާދޭ ގޮތުގައި، ކާން ބޭނުމީ ކޯއްޗެއްތޯ އެހުމުގެ ބަދަލުގައި، ފްރިޖުގައި ހުރި އެއްޗެހި ބެލުމަށްފަހު ކައްކާނެ އެއްޗެއްގެ ގޮތްތަކެއް ހުށަހެޅިދާނެއެވެ. އަދި އެއްޗެއް ނުފެނިގެން އަހާއިރުވެސް، ހޯދި ތަންތަން ބުނެދިނުމަށްފަހު އެހުމުން އަނެއް މީހާއަށް ފަސޭހަވާނެއެވެ.

ސޭމް ބެރީ ފާހަގަކުރި ގޮތުގައި، ހުރިހާ ކަމެއް ދެބައިކުޅަ އެއްބަޔަށް ބެހުމުގެ ބަދަލުގައި، ވަކި ކަންތައްތަކަކާ އެއްކޮށް ހަވާލުވުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް ސްކޫލްގެ ހުރިހާ ކަމެއް ބައްޕަ ބަލަހައްޓާއިރު، ކެއުމުގެ ކަންކަން މަންމަ ބެލެހެއްޓިދާނެއެވެ.

ލަންޑަންގައި ދިރިއުޅޭ ދެ ކުދިންގެ މަންމައެއް ކަމަށްވާ އުމުރުން 40 އަހަރުގެ އަފުއާ ވިލިއަމްސް ބުނި ގޮތުގައި، މި ބުރަ އާންމުކޮށް އުފުލާ މީހަކަށްވާނަމަ، ބައިވެރިޔާ ކަންކަން ކުރާ ގޮތް ތަފާތުވެދާނެކަން ގަބޫލުކުރަންޖެހެއެވެ. ދިރާސާގައި ބައިވެރިވި އާނާ ކެޓަލާނޯ ވީކްސް ލަފާދެއްވާ ގޮތުގައި، ކުރަން ނުޖެހޭ ކަންކަން ދޫކޮށްލަން ދަސްކުރަންޖެހެއެވެ. މިސާލަކަށް ސްކޫލްގެ ބައެއް ވަޓްސްއެޕް ގްރޫޕްތައް މިއުޓްކޮށްލުމާއި، ހަމައެކަނި ރަސްމީ އީމެއިލްތަކަށް ސަމާލުކަން ދިނުން ފަދަ ކަންކަން ކުރެވިދާނެއެވެ.

ނަތާޝާ ވޮލަސް ވިދާޅުވި ގޮތުގައި، ކަންކަމާ މަޝްވަރާކުރަންވާނީ ރުޅިއައިސްފައި ނުވަތަ ވަރުބަލިވެފައި ހުންނަ ވަގުތުތަކުގައެއް ނޫނެވެ. އަދި ހަވާލުވާ ކަންކަން، އަނެއް މީހާ ހަނދާންކޮށްދޭން ނުޖެހި ފެށުމުން ފެށިގެން ނިމެންދެން ފުރިހަމަކުރުމަކީ މުހިންމު ކަމެކެވެ.

އަނީތާ ކްލިއާ ފާހަގަކުރެއްވި ގޮތުގައި، ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ރޭވުމުގެ މަޅީގައި ޖެހުމުގެ ބަދަލުގައި، މައިންބަފައިންގެ ގޮތުގައި އެންމެ މުހިންމީ ވަކި ތަރުކާރީއެއް ކެއުމަށްވުރެ ކުދިންނާއެކު ހޭދަކުރާ ވަގުތުތައްކަން ހަނދާންކުރުމުން މި ބުރައަށް ލުޔެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް