ކަސްރަތައްދާ އަންހެނަކަށް ތިން މަސް ވަންދެއް އެކި ފަހަރުމަތީން ފުރައްސާރަކުރި ކަމަށް ބަލާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން މީހަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދުގެ ހެނދުނު 06:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެެވެ.
ނަމަވެސް އެ މައްސަލައާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނެފައިވާއިރު، އަންހެން މީހާއަށް ފުރައްސާރަކުރާ ކަމަށް ބުނާ ފިރިހެން މީހާއާއި އަންހެން މީހާ ސުވާލުކުރާ ވީޑިއޯއެއް ވަނީ ޓިކްކޮޓްގައި އާންމުކޮށްފައެވެ.
އެ ވީޑިއޯ ނަގާފައި ވަނީ ސިނަމާލެ ބުރިޖުމަތީގައެެވެ. އެ ވީޑިއޯގައި އަންހެން މީހާ އޭނާއަށް ފުރައްސާރަކުރާ ކަމަށް ބުނާ ފިރިހެން މީހާ ދުވަމުންދިޔައިރު އެ ފިރިހެން މީހާ ފަހަތުން ސުވާލުކުރަމުން ދެއެވެ. އެ އަންހެން މީހާ ފުލުހަށް ރިޕޯޓުކުރާނަމޭ ބުނާ ހިސާބުން ފިރިހެން މީހާ "ސޮރީ" އޭ ބުނެ ބާރަށް ދުއްވައިގަނެއެވެ.
އެ ވީޑިއޯގައި އަންހެން މީހާ ވަނީ އޭނާގެ ސައިކަލު ޕާކުކުރާ ތަންވެސް އެ ފިރިހެން ބަލާކަމަށާއި ފިރިހެން މީހާ އޭނާއަށް ފުރައްސާރަކުރާތާ މިހާރު ތިން މަސްވަރު ވެދާނެ ކަމަށެވެ. އަދި ފިރިހެންމީހާގެ އުނދަގުލާ ހެދި އޭނާއަށް ބުރިޖުމަތީގައި ހަމަޖެހިލައިގެން ހިނގާލެވޭވަރު ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.