މިނިސްޓްރީން ކުޑަ އަގެއްގައި ބިމެއް ވިއްކާލި ކަމަށް ބުނާ މެމޯއާއެކު، ކުރީގެ ޕީޖީއާއި ފަނޑިޔާރުގެ ކަންބޮޑުވުން

ހުޅުމާލެ: --- ފޮޓޯ/އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވަރަށް ކުޑަ އަގެއްގައި ބަންޑާރަ ގޯއްޗެއް ވިއްކާލަން ހައުސިން މިނިސްޓްރީން ހަދައިފައިވާ ކަމަށް ބެލެވޭ މެމޯއެއް އާންމުވެ، އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި ދައުރު ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑުކުރި ފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު އިއްޔެ އެކްސްގައި ހިއްސާކުރެއްވި ފޮޓޯއެއްގައި ވަނީ ހައުސިން މިނިސްޓްރީގެ މެމޯއެއް ކަމަށް ބަޔާންކޮށްފައިވާ ލިޔުމެކެވެ.

"ހުޅުމާލޭ ޕްލޮޓް ނަންބަރު 20759 ވިއްކުމާ ގުޅޭ" ސުރުޚީގެ ދަށުން ގެނެސްފައިވާ އެ މެމޯގައި ޖަހައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ތާރީޚެވެ.

އެ މެމޯގައި ވަނީ އަހުމަދު ޒާހިރު ކިޔާ މީހަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 1250 އަކަފޫޓުގެ ބިމެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ، އެ މުއާމަލާތަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

އިތުރު ތަފުސީލުގައި ވަނީ އެ ބިން ވިއްކަނީ އަކަފޫޓަކަށް 375 ރުފިޔާގެ މަގުން، 468،750 ރުފިޔާއަށް ކަމަށެވެ. އަދި ބިން ވިއްކާލާ މުއްދަތަކީ ފަސް އަހަރު ކަމަށާއި އެޑްވާންސް ޕޭމެންޓަކީ 50،000 ރުފިޔާ ކަމަށެވެ.

އެ މެމޯއާއެކު ބިމުގެ ފައިސާ ދައްކަން ޖެހޭ ގޮތުގެ ތާވަލު ހިއްސާކުރާނެ ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.

އެޗްޑީސީން 2022ވަނަ އަހަރުގެ ދެވަނަ ފިޔަވަހިން 60 ބިން ބީލަމުގައި ވިއްކިއިރު، އެންމެ އަގުހެޔޮކޮށް ބިމެއް ވިއްކީ އަކަފޫޓަކަށް 6،759 ރުފިޔާ ޖެހޭ ގޮތަށެވެ. އަދި އެންމެ އަގު ބޮޑުކޮށް ވިއްކީ އަކަފޫޓަކަށް 10،220 ރުފިޔާގެ މަގުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިމުގެ އަގު، މެމޯގައި ބަޔަންކޮށްފައިވާ ވަރަށްވުރެ ބޮޑުކަމާއި، އެ ބިން މިނިސްޓްރީން އިއުލާން ނުކޮށް ވިއްކުމާ ގުޅޭ ގޮތުން، ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ ތެރޭގައި ކުރީގެ ޕީޖީ މުއިއްޒު ހިމެނިވަޑައިގަންނަވާއިރު އޭނާ ވަނީ އެ ބިމަކީ ބަންޑާރަ ބިމެއް ކަމަށް އެނގިފައިވާ ކަމަށް ވިދާޅުވެފައެވެ.

"ބަންޑާރަ ބިން ހައުސިން މިނިސްޓްރީއަށް ވިއްކޭނެ އުސޫލެއް ނޯންނާނެ. ކޮންމެ މުއާމަލާތެއް ވެސް ކުރަން ވާނީ ގާނޫނީ ހަމަތަކުގެ މަތިން، ހައުސިން މިނިސްޓްރީގެ ބަޔާނުގެ އިންތިޒާރު ކުރަން،" އޭނާ ލިޔުއްވާފައިވެއެވެ.

މުއިއްޒު އެފަދައިން ވިދާޅުވީ އެ މެމޯއާ ގުޅޭ ބަޔާނެއް މިއަދު މިނިސްޓްރީން ނެރޭނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވުމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެއީ ފައިސާ ދެއްކުމުގެ ރަސީދެއްގެ ކަންކަން ހަމަޖެއްސުމަށް ނެރެފައިވާ މެމޯއެއް ކަމަށެވެ. ނަމަވެސް، އެ މެމޯއާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރައި، އޭގެ ގެއްލުން، ސިވިލް ސާވިސްގެ މުވައްޒަފަކަށާއި، ނާއިންސާފު ކަންތައްތަކަކާ ކުރިމަތިލާން ޖެހި، އެކަން ހައްލުކުރުމަށް 23 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ އުމުރުން ދުވަސްވީ މީހަކަށް ލިބެމުން އަންނަ ކަމަށް މުއްތަލިބު ވިދާޅުވެފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސާއި މިހާރު ތަރައްގީ ކުރަމުން އަންނަ ތިން ވަނަ ފިޔަވަހިން ވެސް މި ސަރުކާރާއި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ބިން ދިނުމަށް ނިންމައިފައިވެއެވެ.

މާލެ ސަރަހައްދުގައި އާބާދީ ބޮޑުވަމުން އަންނައިރު، އެ ބިންތަކަށް އެތައް ހާސް މީހުން ކުރިމަތިލިއިރު، މިދިޔަ ސަރުކާރުގައި ހަވާލުކުރި ބިންތައް ހުރި ސަރަހައްދުތަކުގައި ފެނާއި ކަރަންޓު ފަދަ ޚިދުމަތްތައް ނުދެވި، އެ ތަންތަނުގައި ދިރިނޫޅެވޭ ކަމުގެ ކަންބޮޑުވުން އޮވެއެވެ.

comment ކޮމެންޓް