ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އިނގިރޭސިވިލާތާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމްއަށް މިއަދު ދައުވަތު އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި ދަޢުވަތު އަރުވާފައިވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ސިޓީފުޅެއްގައި ކަމަށެވެ.
މި ސިޓީފުޅުގައި، ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ޙަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާމެދު ދިވެހިރާއްޖޭގެ އޮތް ކަންބޮޑުވުންތައް ރައީސް ވަނީ ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި އެ ސަރަޙައްދުގެ ކަނޑުގެ މާޙައުލު ޙިމާޔަތްކުރުމަށާއި، ސައިންޓިފިކް ދިރާސާތައް ކުރުމަށް ކުރިއަށްގެންދިޔަ ބޮޑެތި އިސްނެގުންތަކުގައި ރާއްޖެއިން ޒަމާނުއްސުރެ އަދާކުރަމުން އައި ދައުރު އެމަނިކުފާނު ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިގޮތުން، ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްގުތައް ފުރިހަމައަށް ރައްކާތެރިކުރައްވަމުން، ޗާގޯސްއާ ގުޅޭ ކަންކަމުގައި އިނގިރޭސިވިލާތާއެކު އިތުބާރު ހުރި، ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަން ރައީސް ޔަގީންކޮށްދެއްވިކަމަށް އެ ސިޓީގައިވާ ކަމަށް ރައީސް އޮފީހުން ފާހަގަކުރިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ޗާގޯސްގެ ސިޔާދަތާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މާނަވީ އަދި ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ތަކުރާރުކުރައްވާފައި ކަމަށް ވެސް ބުންޏެވެ.
އަދި ދުނިޔޭގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އައު ހަރުފަތަކަށް ގެންގޮސް، ގުޅިގެން މަސައްކަތްކުރުމަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން އެ ގައުމުން މަޑުޖައްސާލައިފައިވާކަން ހާމަވެފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.
އެކަމާ ގުޅިގެން އޭރު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
ފޯޅަވަހީގެ މުސްތަގުބަލާއި އެ ސަރަހައްދު ބެލެހެއްޓުމުގައި ރާއްޖޭގެ ގާނޫނީ މަސްލަހަތުތަކެއް ހުރިކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކުރާ، ސަރަހައްދީ ހަމަޖެހުމަށް ބާރުއަޅާ، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ބާރުއަޅާކަމަށް ބުންޏެވެ.