ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާން ޚަޠީބުންގެ ގައުމީ މަހާސިންތާގައި 300އަށް ވުރެ ގިނަ ޚަޠީބުން ބައިވެރިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅުވައިގެން، މުސްތަގްބަލުގެ ޖީލުތަކަށް އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޒުވާން ޚަޠީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ޙާސިލްކޮށްފައިވާ ފަރާތްތަކަށާއި، ރަމަޟާން މަހު އިމާމުވެ ޙިފްޒުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށެވެ.
އަދި އުމުރުން 30 އަހަރު ނުފުރޭ، މިހާރު ވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ ފަރާތްތަކަށް ވެސް މި ފުރުޞަތު އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއް ޝައިޚު ޑރ. ޔާސިރު އައްދައުސަރީ ވަޑައިގަންނަވާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަގްބަލު އުޖާލާކޮށް ޙިމާޔަތްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. މިހާތަނަށް 700އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީނުކޮށްފައިވީ ނަމަވެސް، އަތޮޅުތަކުން މާލެ އައުމުގައި ހުރި ދަތިތަކާއި އިމްތިޙާންތަކާ ގުޅިގެން ބައެއް ޚަޠީބުންނަށް މިފަހަރުގެ މަހާސިންތާގައި ބައިވެރިނުވެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު އަދި މިނިސްޓަރު ހާފިޒުންތަކަކާ އެކު.. ފޮޓޯ/ އިސްލާމިކް މިނިސްޓްރީމީގެއިތުރުން ހުޅުމާލޭގައި ބިންގާ އެޅުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ޙަފްލާގައި ވެސް މި ޒުވާން ޚަޠީބުން ރަސްމީކޮށް ބައިވެރިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ހާފިޒުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިވަގުތާ ހަމައަށް ރާއްޖޭގައި 322 ހާފިޒުން އެބަތިބި ކަމަށާއި، މި ދައުރުގެ ތެރޭގައި އެ އަދަދު 500 އަށް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.
އަދި އަންނަ ރޯދަ މަހުވެސް ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކުރައްވައި، ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް އިތުރަށް ފުޅާކުރައްވާފައެވެ.
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދާއިރު، އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒާއި ޢިލްމު އިންސްޓިޓިއުޓުގައެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރްއާނުގެ ޢިލްމު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން މިހާރުވެސް 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހިންގަން ފަށާފައިވާއިރު، އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމާއި 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް މި މަޝްރޫޢު ފޯރުކޮށްދިނުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
އަދި ރަށްރަށުގައި ހިންގާ ގޮފިތަކުގައި އިމާމުންނަށް ވެސް ޤުރްއާން ކިޔަވައިދިނުމުގެ މަސްއޫލިއްޔަތު ވަޒީފާގެ ބަޔާނަށް އިތުރުކުރެވެމުންދާ ކަމަށާއި، ބައިނަލްއަގްވާމީ ޤުރްއާން މުބާރާތެއް ބޭއްވުމަށް ސައުދީ ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް ވަޒީރު ޝަހީމް ވަނީ ހާމަކުރައްވާފައެވެ.