އިތުރު 91 ޒުވާނުންނަށް އިމާމުވެ، ހުކުރު ކުރުމުގެ ސަނަދު މިއަދު ދީފިއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ޒުވާނުންނަށް ސަނަދު ހަވާލުކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި ރަސްމިއްޔާތުގައި ޒުވާން ޚަތީބުންނާ މުޚާތަބުކުރައްވައި، މިނިސްޓަރު ވިދާޅުވީ، އިމާމުވުމަށް ލިބުނު ހުއްދައަކީ ވަރަށް ބޮޑު ބިންގަލެއް ކަމަށް ދެކެންވާނެ ކަމަށެވެ.
މިގޮތުން، އެ ހުއްދައިގެ މައްޗަށް އިތުރު އިލްމާއި ތަމްރީނު ހޯދަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޚަތީބު ކަމުގެ ތަމްރީނު ފުރިހަމަ ކުރި ޒުވާނަކާ މިނިސްޓަރު ސަނަދު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ކޮންމެ ދާއިރާއަކުން ކިޔެވި ނަމަވެސް ޚަތީބުކަމަކީ އެ މީހެއްގެ ހަޔާތުގެ އެންމެ ފަހު ދުވަހާ ހަމައަށް ދަތުރުކުރާނެ މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދެއްވައި، މިނިސްޓަރު ވަނީ، ޚުތުބާ ކިޔުމުގެ ހުނަރަކީ އެ މީހެއްގެ ޝަޚުސިއްޔަތަށް އިތުރުވާނެ ވަރަށް ރަނގަޅު ސިފައެއް ކަމަށް ވިދާޅުވެފައެވެ.
ސަނަދު ހާސިލުކުރި ޚަތީބުންނާ މުޚާތަބުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ޒުވާނުން މިސްކިތުން ފެންނަން ޖެހޭނީ، ހަމައެކަނި ހުކުރު ދުވަހު ނޫން ކަމަށާއި ޖަމާއަތުގައި ނަމާދުކޮށް، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، މިއީ ޒުވާން ޚަތީބުން ތަމްރީނުކުރި ފަސް ވަނަ ބުރެވެ.

މިއަދު އިމާމު ކަމުގެ ސަނަދު ހާސިލުކުރި ޒުވާން ޚަތީބުން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ޚަޠީބުންގެ ޕްރޮގްރާމް ހިންގަން ފެށީ ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެންނެވެ.
އެގޮތުން، ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް، ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ޚަތީބުކަމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ސަރުކާރުގެ އަމާޒަކީ، މި ދައުރުގެ ތެރޭގައި 1،000 ޒުވާން ޚަތީބުން ތަމްރީނު ކުރުމެވެ.