ފަސޭހަކަމާއެކު ޕޮލިސް ކުލަބު ބަލިކޮށް ވެމްކޯ ފައިނަލަށް

ވީއޭއެމް ކަޕް 2026 ގެ ސެމީ ފައިނަލުގައި ޕޮލިސް ކުލަބު ބަލިކުރުމަށްފަހު ކުލަބު ވެމްކޯގެ ކުޅުންތެރިން-- ފޮޓޯ: ވެމްކޯ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ދެވަނަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއިން ހޯދައިފިއެވެ.

ފައިނަލުގެ ޖާގަ ވެމްކޯއިން ހޯދާފައިވަނީ އާދީއްތަ ދުވަހުގެރޭ ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޕޮލިސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ވެމްކޯއިން ކާމިޔާބުކުރީ 25-21، 25-19 އަދި 25-12 އިންނެވެ. މުޅި މެޗުގައި ވެސް ވެމްކޯގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ.

ވީއޭއެމް ކަޕް 2026 ގެ ސެމީ ފައިނަލުގައި ޕޮލިސް ކުލަބާއި ކުލަބު ވެމްކޯގެ ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ: އަލީ ވިޝާލް

ދެ ގްރޫޕަކަށް ބަހާލައިގެން ފެށި މި މުބާރާތުގެ ފައިނަލަށް ވެމްކޯ ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، އިދިކޮޅަށް ކުޅުނު އެއްވެސް ޓީމަކަށް ސެޓެއްވެސް ނުދީއެވެ. ޕޮލިސް ކުލަބު ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ މަގާމާއެކު އެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗާއި، ފައިނަލް މެޗު ކުޅޭނީ މިއަދެވެ. މި ދެ މެޗުވެސް ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. ކޮންމެ މެޗެއްވެސް ފެންނާނީ 25 ރުފިޔާގެ އޮންލައިން ޕޭމަންޓެއް ދެއްކުމުންނެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯއިން ވަނީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް، ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދާފައެވެ.

ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭނެއެވެ. ސަބްސްކްރިޕްޝަން އާއެކު ސަން ޕްލޭ އެޕުން މުބާރާތުގެ ކޮންމެ މެޗެއް ބެލުމުގެ ފުރުސަތު ލިބެއެވެ. ކޮންމެ މެޗެއްގެ އޮންލައިން ޓިކެޓުގެ އަގަކީ 25 ރުފިޔާއެވެ. އަދި މެޗު ބަލަން ސޯޝަލް އިންޑޯއަށް ވަންނަ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާ އަގަކީ 30 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރު ކުރިން ސޯޝަލްގައި މެޗު ޓިކެޓު ވިއްކަން ފަށާނެއެވެ.

comment ކޮމެންޓް