ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގެން ރަޝިޔާއަށް މުދާ އެތެރެކުރުމަށް ރާއްޖެ މެދުވެރިކުރާ ކަމަށް ބުނެ 'ދަ ވޯލް ސްޓްރީޓް ޖާނަލް' (ޑަބްލިއުއެސްޖޭ) އިން ޝާއިއުކުރި ރިޕޯޓާ ގުޅިގެން، ކަމާ ބެހޭ އިދާރާތަކުން އެކަމުގެ ތެދުދޮގު ބެލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
"ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ވޯލްސްޓްރީޓް ޖާނަލްގެ ރިޕޯޓް ފެނުމާއެކު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އެފަދަ ކަމެއް ހިނގާނަމަ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ރަޝިޔާއަށް ރާއްޖެއިން ގެންދާ ތަކެތީގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކުން މަނާކޮށްފައިވާ ބާވަތްތައް ހިމެނޭކަން ނުވަތަ ނޫންކަން ދެނެގަތުމުގެ ގާބިލުކަން ރާއްޖޭގައި ހުރިތޯ ސުވާލު އުފެދޭ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
"މިހާރު އުފެދޭ ސުވާލަކީ އެކަމަކު އަޅުގަނޑުމެންގެ ކެޕޭސިޓީ އެބަހުރި ބާއޭ އެ ވިދާޅުވާ ލެވެލްގެ ކަމެއް ދެނެގަންނަން، އެނގިވަޑައިގަންނަވާ ދެއްތޯ މި ދެންނެވި އެއްޗެއް؟ މިސާލަަކަށް މި ފޯނުގެ ތެރޭގައި އިންނަ ޗިޕަކީ ކޮން ކަހަަލަ ޗިޕެއްކަން އަޅުގަނޑުމެންނަށް ކިހިނެއްހޭ އެނގޭނީ،" މުންދު ވިދާޅުވިއެވެ.
ވޯލްސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބުނެފައިވަނީ، ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ރަޝިޔާއަށް ތަކެތި އެތެރެކުރާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އެމެރިކާއިން ދިވެހި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެ ވާހަކަތައް ދޮގުކުރައްވަމުން މުންދު ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަގުވާމީ ސެކިއުރިޓީ އެޖެންސީތަކާ ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ގައުމެއް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ޑަބްލިއުއެސްޖޭއިން އާންމުކުރި ތަހުގީގީ ރިޕޯޓުގައި ހުޅަނގުގެ އޮފިޝަލުންނާއި ލިޔެކިޔުންތަކާ ހަވާލާދީ ބުނެފައިވަނީ، އެމެރިކާއާއި ޔޫރަޕް އަދި ޗައިނާއިން އުފައްދާ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ މުދާ ރަޝިޔާއަށް އެތެރެކުރުމަށް ރާއްޖޭގެ ބައެއް ވިޔަފާރިވެރިން އެހީތެރިވާ ކަމަށެވެ.
މިގޮތުން، ވައިގެ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ގެންނަ މުދާ، ރާއްޖެއަށް އެތެރެނުކޮށް ޓްރާންސިޓް ސަރަހައްދުގައި ބެހެއްޓުމަށްފަހު، ރަޝިޔާގެ އެރޯފްލޮޓް ފްލައިޓުތަކުގައި މޮސްކޯއަށް ފޮނުވަމުންދާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އަދި މި މުއާމަލާތްތަކުގައި ރާއްޖޭގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ 'ފްރެއިޓް ކެއާ' އަދި 'ގޯ އިންވެސްޓްމަންޓް' އިން ބައިވެރިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ ނޫހުން އިތުރަށް ބުނެފައިވަނީ، މުދާ މާލެ ގެނައުމަށްފަހު މޮސްކޯގެ ޝެރެމެޓްޔޭވޯ އެއާޕޯޓަށް ފޮނުވުމަށް ޓަކައި އަސްލު ފޮނުވި ފަރާތުގެ ނަން އުނިކޮށް، އާ އެއާވޭ ބިލެއް ހަދާ ކަމަށެވެ. މިގޮތަށް ފޮނުވާ މުދަލުގެ ތެރޭގައި މައިކްރޯޗިޕާއި، އޮޕްޓިކަލް އިންސްޓްރޫމަންޓްސް އަދި މަތިންދާބޯޓުގެ ބައިތައް ހިމެނޭ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން 'ފްރެއިޓް ކެއާ' ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ވަހީދު އެ ނޫހަށް ވިދާޅުވީ، ރަޝިޔާއަށް ޓްރާންސިޓްކުރާ މުދާ އެ ކުންފުނިން ހޭންޑްލްކުރި ނަމަވެސް، ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްވެސް އެއްޗެއް އުފުލުމުގައި އެނގިހުރެ އެހީތެރިނުވާ ކަމަށާއި އެއްވެސް ހަނގުރާމައަކަށް ތާއީދުނުކުރާ ކަމަށެވެ. އަދި 'ގޯ އިންވެސްޓްމަންޓް' ގެ މެނޭޖިން ޑިރެކްޓަރު ވަނީ މިކަމާ ގުޅިގެން ވާހަކަދައްކަން ދެކޮޅު ހަދާފައެވެ.