ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރު އެޅުމުގެ މަޤްޞަދުގައި، ދިރާގުން ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރުމަށް ނިންމައިފިއެވެ.
ސީޑް (ސައިންސް، އެކްސްޕްލޯ، އެކްޓް އެންޑް ޑިސްކަވާ) އިނީޝިއޭޓިވް އަކީ، ތިމާވެށީގެ ދާއިރާއިން ތައުލީމާއި އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މިގޮތުން، ސިޓިޒެން ސައިންސްގެ ޒަރީއާއިން ކަނޑުގެ މައުލޫމާތު އެއްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމަށާއި ގުދުރަތީ ވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކަނޑުފަޅުތަކާ ގުޅުންހުރި މުހިންމު ހަރަކާތްތައް ހިންގުމަށް ހާއްސަ އިސްކަމެއް ދެއެވެ.
ދިރާގުން ބުނި ގޮތުގައި ސީޑް އިނޭޝިއޭޓިވްގެ ހުޅުމާލެ އާބަން ހަބަށާއި އެކި ރަށްރަށުގައި ހިންގާ ހަރަކާތްތަކަށް ދިރާގުން ކަނެކްޓިވިޓީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދެ ފަރާތް ގުޅިގެން ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގެ މުހިންމު ކަމަށް ސަމާލުކަން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ.
ދިރާގާއި ސީޑް އިނީޝިއޭޓިވްއިން ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކުރަނީ -- ފޮޓޯ: ދިރާގުހަމައެއާއެކު ސީޑް އިނީޝިއޭޓިވްގެ ދަށުން "އިކޯ ގާޑިއަން" ޕްރޮގްރާމްގައި ހުޅުމާލެ، ކ. ކާށިދޫ އަދި ބ. ގޮއިދޫގައި ކަނޑުފަޅުތަކާއި ބެހޭ ޙާއްޞަ ސެޝަންތަކާއި މޫދުގައި ހިންގާ އަމަލީ ހަރަކާތްތައް ހިމެނެއެވެ. އަދި ދާއިރާގެ މާހިރުންނާއި މެރިން ބައިއޮލޮޖިސްޓުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ހަރަކާތްތައް މެދުވެރިކޮށް ކަނޑުގެ ދިރުންތަކުގެ ނިޒާމާއި، މޫދުވިނައާއި ޗަސްބިންތަކާއި، ދެމެހެއްޓެނިވި އުސޫލުތަކުގެ އިތުރުން އީކޯ ސިސްޓަމްއާލާކުރުން ފަދަ ދާއިރާތަކުން މައުލޫމާތު ދެވޭނެއެވެ.
ދިރާގުން ބުނީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް، ކަނޑުފަޅުގެ މާހައުލާ ބެހޭގޮތުން ހޭލުންތެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމާއި މުޖުތަމައުތަކާއި އަދި މުސްތަގުބަލާ ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ ވަސީލަތެއް ކަމަށް ދިރާގުން ބުންޏެވެ.
"ޒުވާނުންނަށް ކަނޑުފަޅުގެ މާހައުލާ ބެހޭ މައުލޫމާތު އުނގަންނައިދީ، އަމަލީ ގޮތުންއެ މާހައުލު ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ، ކަނޑުތަކާ މެދު އޮންނަގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް،" ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދު ވެސް ތިމާވެށި ހިމާޔަތްކުރުމަށާއި، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް މުޖުތަމައު ހޭލުންތެރިކުރުވައި، ބާރުވެރިކުރުމަށް ޚާއްސަ އިސްމަކެއް ދެއެވެ.