ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު މި މުބާރާތުގެ ވަނަވަނަ ހާސިލުކޮށްފައިވާ ފެތުންތެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.
ގާތްގަނޑަކަށް 420 އަށްވުރެ ގިނަ ފެތުންތެރިންނާއެކު ކުރިއަށް ގެންދިޔަ މި މުބާރާތަކީ މިހާތަނަށް މާލޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ ހަރަކާތެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވައިފައިވާ މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
ދިރާގުން ބުނި ގޮތުގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ އެކި ފެންވަރުގެ ފެތުންތެރިން ވާދަކުރި މި މުބާރާތުގައި ކުރިއަށް ގެންގޮސްފައި ވަނީ އެއް ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ. މީގެ އިތުރުން، މިއަހަރުގެ މުބާރާތުގައި އަލަށް ތައާރަފްކުރި 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީ ވެގެންދިޔައީ ރަހުމަތްތެރިންނާއި، އާއިލާއާއެކު، އަދި ފެތުމުގެ ކްލަބުތަކަށް އެކުގައި ޓީމެއްގެ ގޮތުގައި ވާދަކޮށްލަން ލިބުނު ފުރުސަތަކަށް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނައަށް ގޮސްފައިވާ ފެތުންތެރިންނަކީ:
މުޅި މުބާރާތުން:
- އެންމެ މޮޅު އަންހެން އެތުލީޓް: އަޔެޝާ ޒާޔާ ހުސައިން
- އެންމެ މޮޅު ފިރިހެން އެތުލީޓް: އިބްރާހަމް ޔުއާން ޝަމީމް
- އެންމެ މޮޅު ސްވިމިންގ ކްލަބް: މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ)
އެއް ކިލޯމީޓަރުގެ ކެޓަގަރީ:
- އަންހެން އެއްވަނަ: މެރަލް އައިން ލަތީފް
- އަންހެން ދެވަނަ: އަލްޔާ އަޝްރަފް
- އަންހެން ތިންވަނަ: އައިޝަތު އަލީނާ ޝާހިދު
- ފިރިހެން އެއްވަނަ: އިބްރާހިމް ޔުއާން ޝަމީމް
- ފިރިހެން ދެވަނަ: ޔޫސުފް ޒިޔާން ޒާހިދު
- ފިރިހެން ތިންވަނަ: އިޒްޔާން ނާޒިމް
500 މީޓަރުގެ ކެޓަގަރީ:
- އަންހެން އެއްވަނަ: އަޔެޝާ ޒާޔާ ހުސައިން
- އަންހެން ދެވަނަ: ފާތިމަތު ލައްޔާހް ޝާހިދު
- އަންހެން ތިންވަނަ: އާއިޝަތު އައިޝްކާ ސަމީރު
- ފިރިހެން އެއްވަނަ: އިބްރާހީމް ޔުއާން ޝަމީމް
- ފިރިހެން ދެވަނަ: މުހައްމަދު އަރާން ޝަމީމް
- ފިރިހެން ތިންވަނަ: ނޫމާން މުހައްމަދު ނަސީފް
ދިރާގުން ބުނީ މި އަހަރުގެ މުބާރާތުން ވެސް ރާއްޖޭގައި އޯޕަން ވޯޓާ ފެތުމަށް އޮތް ޝައުގުވެރިކަމާއި ތަރުހީބު އިތުރުވަމުންދާ މިންވަރު ވަނީ ފެނިގެން ގޮސްފައި ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު 350 ފެތުންތެރިން ބައިވެރިވި މި މުބާރާތުގައި މި އަހަރު 420 އަށްވުރެ ގިނަ ފެތުންތެރިން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި އުންމީދީ ޒުވާން ފެތުންތެރިންނާއި ތަޖުރިބާކާރު ފެތުންތެރިން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.