އަންހެނުން ކުރިއެރުވުމަށް ކުރާ މަސައްކަތަށް އެމްއައިބީއަށް ބައިނަލްއަގުވާމީ "ވުމަނައި ލީޑާޝިޕް އެވޯޑް" ލިބިއްޖެ

އަންހެނުން ކުރިއެރުވުމަށް ކުރާ މަސައްކަތަށް އެމްއައިބީއަށް ބައިނަލްއަގުވާމީ "ވުމަނައި ލީޑާޝިޕް އެވޯޑް" ލިބިއްޖެ --- ފޮޓޯ: އެމްއައިބީ

އަންހެނުންގެ ކެރިއަރު ކުރިއެރުވުމަށާއި ލީޑަޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ކެންބްރިޖް އައިއެފްއޭ އިން ދޭ ޝަރަފުވެރި "ވުމަނައި ލީޑާޝިޕް އެވޯޑް ފޯ ކެރިއަރު އެޑްވާންސްމަންޓް 2026" ގެ އެވޯޑު ލިބިއްޖެއެވެ.

މި އެވޯޑަކީ އަންހެނުންގެ ޕްރޮފެޝަނަލް ކުރިއެރުމަށް މަގުފަހިކޮށްދީ، މުއައްސަސާގެ އެކި ދާއިރާތަކުން އިސް ސަފުގައި ހަރަކާތްތެރިވެ ކާމިޔާބީ ހޯދޭނެ ފަހި މާހައުލެއް ގާއިމުކޮށްދިނުމުގައި އެމްއައިބީން ދައްކަމުންދާ ނަމޫނާ ބަލައިގަނެ އެމްއައިބީއަށް ދީފައިވާ އެވޯޑެކެވެ.

އެ ކާމިޔާބީގެ އިތުރުން، އިސްލާމީ މާލީ ދާއިރާގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުން ހިމަނައިގެން ނެރޭ "ވުމަނައި ރިޕޯޓް 2026" ގައި އެމްއައިބީގެ ފަސް އަންހެން ލީޑަރަކު ވަނީ ހިމެނިފައެވެ.

އެ ކަނބަލުން އެ ރިޕޯޓުގައި ހިމެނިފައިވަނީ މާލީ ހިދުމަތްތަކުގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކާއި، ދައްކަވާފައިވާ އިސްނެގުމާއި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސަބަބުން ކަމުގައި އެމްއައިބީން ވަނީ މައުލޫމާތުދީފައެވެ.

އެމްއައިބީން ބުނީ މި ޝަރަފުވެރި ކާމިޔާބީއަކީ ބޭންކުގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ހުނަރުވެރި އަންހެން މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އަދި ހުނަރުވެރިން ބިނާކޮށް، ވަކި ޖިންސަކަށް ތަފާތުކުރުމެއް ނެތި ލީޑަޝިޕްގެ ފުރުސަތުތައް ފަހިކޮށްދީ، އަންހެނުން ބާރުވެރިކުރުވުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށްވެސް އެމްއައިބީން ވަނީ ބުނެފައެވެ.

comment ކޮމެންޓް