އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޓީސީސީން ބޭއްވި އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން: އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް ކުރިމަތިލާންވަނީ ހުޅުވާލައިފައި -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން
އިންތިޚާބުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި، އާންމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން ބޯޑަށް އިންތިޚާބު ކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބާރުއަޅާފަދައިން، ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ މަގާމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލައްވާ އިންތިޚާބުގައި ވާދަކުރުމަކީ ކުންފުނިން ވަރަށް ބާރުއަޅާ ކަމެއް ކަމަށް އިއުލާނުގައިވެއެވެ.

އެމްޓީސީސީގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައިވުމާއި ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި މީހަކަށްވުން ހިމެނެއެވެ.

ހަމައެއާއެކު، މާލީ ރިޕޯޓުތައް ދިރާސާ ކުރުމުގެ ގާބިލުކަން ލިބިފައިހުރި މީހަކަށްވުމާއި ބަނގުރޫޓުވެފައިވާ މީހެއް ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، ބޯޑަށް ކުރިމަތިލާ މީހާއަކީ ކުންފުނީގެ ވިޔަފާރިއާއި މަސްލަހަތު ފުށުއަރާ މަސައްކަތެއްގައި ޝާމިލުވާ މީހެއް ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެމްޓީސީސީން ބޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފައިވަނީ ކުންފުނީގެ ޝެއާހޯލްޑާސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

އެމްޓީސީސީން ވަނީ ފުރުސަތު ހުޅުވައިފައިވާ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމެޓީއން އިވެލުއޭޓް ކުރާނެ ކަމަށެވެ. އަދި ނޮމިނޭޓްވާ މީހުންގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން ޑިރެކްޓަރުކަމަށް ކުރިމަތިލީ މީހުންގެ މައުލޫމާތު އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ
މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާން ކުރާނެ ކަމަށް އިއުލާނުގައިވެއެވެ.

އެ ދެ މަގާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ 2025 ވަނަ އަހަރުގެ
އަހަރީ އާންމު ޖަލްސާގައިކަން ވެސް އިއުލާނުގައިވެއެވެ.

އެ ކުންފުނިން ވަނީ، އިއުލާނާ ގުޅޭ އިތުރު މައުލޫމާތު mv.com.mtcc@2025agm އީމެއިލް މެދުވެރިކޮށް އަދި 3001106 ނުވަތަ 3001107 އަށް ގުޅައިގެން ހޯދޭނެކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް