ރ. މަޑުއްވަރީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ޑުރަގް އެންފޯސްމަންޓާއި، މަޑުއްވަރީ ޕޮލިސް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް އެ ޚިދުމަތުން ބުންޏެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންގެ ތެރެއިން އެ ރަށުގެ ހަތް ގެއެއް ބަލައިފާސްކޮށް، ޖުމްލަ ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، ބޮންތި، އުމުރުން 27 އަހަރުގެ މުޙައްމަދު މުޢިއްޒާއި އެ ރަށު ތުނޑި، އުމުރުން 29 އަހަރުގެ އާދަމް ޢާޞިމެވެ. އަދި މި އޮޕަރޭޝަނުގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 53.05 ގުރާމު ހުރި ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު މުޢިއްޒުގެ ބަންދަށް 10 ދުވަސް އަދި އާދަމް ޢާޞިމްގެ ބަންދަށް ހަތް ދުވަސް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަކީ އިޖުތިމާއީ، އިގްތިޞާދީ އަދި ޞިއްޙީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލައިގެ ސަބަބުން ގައުމުގެ ކުޑަކުދިންނާއި ޒުވާނުންނަށް މިކަމުގެ ނޭދެވޭ އަސަރު އަންނަނީ ކުރަމުންނެވެ.