މިދިޔަ އަހަރަށްވުރެ މި އަހަރު އާސަންދައަށް ކުރި ޚަރަދު 13.5 ޕަސެންޓް އިތުރުވެ، 1.4 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 1.43 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ މި އަހަރުގެ ބަޖެޓުން އާސަންދައަށް ކަނޑައަޅައިފައިވާ 2.02 ބިލިއަން ރުފިޔާގެ 70.8 އިންސައްތައެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ޚަރަދުކޮށްފައިވަނީ 1.26 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ ޚަރަދަށް ވަނީ 170 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިތުރުވެފައި ކަމަށް އެ ތަފާސްހިސާބުން ހާމަވެއެވެ.
އެހެންނަމަވެސް ފުލުހުންނާއި ސިފައިންގެ މެޑިކަލް ވެލްފެއާއަށް މި އަހަރު ޚަރަދުކުރި ވަރު މިދިޔަ އަހަރަށް ވުރެ މަދެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުގައިވާ ގޮތުން މެޑިކަލް ވެލްފެއާއަށް މި އަހަރު 409 މިލިއަން ރުފިޔާ ބަޖެޓުކުރިއިރު އޭގެން މި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުކުރީ 152 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 200 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އާސަންދައިގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީ ބޭސްފިހާރަތަކުގެ ބިލުތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނީޔާ މިދިޔަ މަހު ވިދާޅުވެފައިވެއެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒީނިޔާ އޭރު ވިދާޅުވީ، ބޭސްފިހާރަތަކުގެ އިތުރުން ދެން އެންމެ ބޮޑު ޚަރަދެއް ހިނގަނީ އަމިއްލަ ކުލިނިކުތަކާއި ހޮސްޕިޓަލްތަކަށް ކަމަށެވެ. އަދި ރާއްޖޭން ބޭރުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލުތަކަށް ވެސް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށް ޒީނިޔާ ވިދާޅުވެފައިވެއެވެ.
އާސަންދަ އިސްލާހު ކުރުމަށް ބޭރުގެ އިދާރާތަކުން ތަކުރާރުކޮށް ލަފާ ދީފައިވާއިރު، އެ ނިޒާމަށް ގިނަ އަހަރުތަކުގައި ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ކުރަން ޖެހެއެވެ.