ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް ސައިބާ ނުރައްކާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އާސަންދަ ކުންފުނިން ބޭނުންވާ ސައިބާ ސެކިއުރިޓީ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކުންފުންޏެއް ހޯދަން، އާސަންދައިން މިއަދު އިއުލާންކޮށްފިއެވެ.
އާސަންދަ ކުންފުނީގެ އިއުލާނުގައި ވަނީ މި ޚިދުމަތްތައް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ކުންފުނީގެ މެއިލް، [email protected] އަށް މެއިލްކުރުމަށް އެދިފައެވެ.
މެއިލް ކުރާއިރު، ޝައުގުވެރިކަން ފާޅުކުރާ ކުންފުނީގެ ނަމާއި، ކުންފުނީގެ މަންދޫބެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރުގެ އިތުރުން އައިޑީކާޑު ނަންބަރާއި، މިކަމަށް ހުޅުވާލާފައިވާ އިއުލާނުގައިވާ އިއުލާނު ނަންބަރު ޖެހުމަށް އާސަންދައިން އެދިފައިވެއެވެ.
މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 20ވާ އަންގާރަ ދުވަހުގެ 11:00 ގައި، ވެބް މީޓިންގެއް މެދުވެރިކޮށް ކަމަށް އާސަންދައިގެ އިއުލާނުގައި ބުނެފައިވެއެވެ.
އާސަންދައަކީ ދިވެހި ރައްޔިތުންގެ ހައްސާސް މައުލޫމާތުތަކެއް ރައްކާކޮށްފައިވާ، ދިވެހީންގެ ބޭސްފަރުވާއާ ގުޅޭ ކުންފުންޏެއްކަން ފާހަގަކުރެވެއެވެ.
އާސަންދައިން އެ އިއުލާނު ނެރެފައިވަނީ، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ފުލުހުން ބުނި ގޮތުގައި، އެގޮތަށް ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި އޮޅޭފަދަ ގޮތަކަށެވެ. އެ އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، އެ މީހެއްގެ ޔޫޒާނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންވެ، ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމު ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.