ފޭސް2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ ކުޑަކުއްޖެއްގެ ހާލު ސީރިއަސް!

ފޭސް2 ގައި ހިނގި އެކްސިޑެންޓު -- ފޮޓޯ: އެމްވީކްރައިސިސް

ހުޅުމާލެ ފޭސް ދޭއްގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް-7 ފްލެޓް ކައިރީގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނިގޮތުގައި އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް ހަތެއް, ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުނެއެވެ. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ނުވަ އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓެކްސީއެއް އޮތީ މަގުގެ އެއް އަރިމަތީގައި އޮންނަ ސައިކަލު ލޭނުގައި މަޑުކޮށްގެންނެވެ. އަދި އެ ޓެކްސީގެ ކުރިމަތީގައި ސައިކަލެއް ވެއްޓި، ކަހައިގެން ގޮސްފައި އޮތް މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

އަދި ކުއްޖާގެ ބޮލުން ބައިވަރު ލޭ އައިސްފައި އޮތްތަން ވެސް ފެނެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާގައި ޝާމިލުވާ ފަރާތްތަކުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް