ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތަޢާރަފުކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިން" ގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން ދޫކޮށްފިއެވެ.
މި ފައިނޭންސިން ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތަޢާރަފުކޮށްފައިވާ ފެސިލިޓީއެކެވެ. އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލި މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކޮށްފައިވެއެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުޙައްމަދު ޝަރީފް ވިދާޅުވީ، ޒުވާނުންގެ ފަރާތުން މި އިސްނެގުމަށް ބޮޑު ތަރުހީބެއް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުން އެމީހުންގެ އުފެއްދުންތެރި ހިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގައާއި، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކޮށް ދިގުމުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއްވެސްމެ،” އޭނާ ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވި ގޮތުގައި، ފުރަތަމަ ފިޔަވައްސަށް ޒުވާން ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ވަނީ ލިބިފައެވެ.
"300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން މެދުވެރިކޮށް 3،000 އަށް ވުރެ ގިނަ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އަޅައިދެވުނު މުހިއްމު ބިންގަލެއް. އަޅުގަނޑުމެން އުއްމީދުކުރަނީ މި ފިޔަވަހީގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ދެން އޮތް ފިޔަވަހީގެ ތެރެއިން އިތުރު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް،" ބަދުރުއްދީން ވިދާޅުވިއެވެ.
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މި ޕްރޮގްރާމުގެ އަމާޒަކީ މާލީ އެހީ ލިބޭ ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން، އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން، ފައިނޭންސިން ލިބުނު ފަރާތްތަކަށް މެންޓާޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރި ފޯމަލައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. މި މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކަނޑައަޅާފައިވާ ފަންޑެއްގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމަށް މި އަހަރުގެ ނޮވެންބަރުގައި ހުޅުވައިލާނެއެވެ.
ބީއެމްއެލްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މަސައްކަތް ކުރަމުންދަނީ ދިވެހި ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން އަދި ލުއި ގޮތެއްގައި ލިބޭނެ މަގު ފަހިކޮށްދީ، ޒުވާނުންނަށް އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް އުފައްދައިދިނުމަށެވެ.