މިނިސްޓްރީއާއެކު ދަނޑު ހެއްދުމަށް ރަށްރަށަށް ފުރުސަތެއް؛ ރަށު ކައުންސިލަށް ނަފާ ލިބޭނެ

ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް: ރަށުން ބިމެއް ކަނޑައަޅައި، މިނިސްޓްރީއާއެކު ދަނޑުވެރިކަން ކޮށްގެން ކައުންސިލްތަކަށް ނަފާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި -- ފޮޓޯ/ ދަނޑުވެރިކަމާ ބެހޭ ވުޒާރާ

ކައުންސިލްތަކަށް ނަފާ ލިބޭ ގޮތަށް، ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން ރަށްރަށުގައި ދަނޑު ހެއްދުމުގެ ފުރުސަތެއް މިއަދު އިއުލާންކޮށްފިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވަނީ، ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، ރާއްޖޭގެ ރަށްތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމް ހިންގާކަން ފާހަގަކޮށްފައެވެ. އެ ޕްރޮގްރާމު ހިންގާއިރު، ރަށްރަށުގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ނުވަތަ ކާނާގެ ބާވަތްތައް އާލާ ކުރާ ދަނޑުތަކެއް ގާއިމްކުރުމަށް ނިންމައިފައިވާ ކަމަށް އިއުލާނުގައިވެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ، އެ ދަނޑުތައް ގާއިމު ކުރުމަށް ޝައުގުވެރިވާ ރަށްތަކުން، ހަތަރު ހެކްޓަރުގެ ބިމެއް އެކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ. އެގޮތުން ކަނޑައެޅޭ ބިމަކީ ރަށުގެ ލޭންޑްޔޫސް ޕްލޭންގައި އެފަދަ މަސައްކަތްތަކަށް ކަނޑައެޅިފައިވާ ބިމަކަށްވާންވާނެ ކަމަށް އިއުލާނުގައިވެއެވެ.

ވުޒާރާއިން ބުނީ، އެ ބިން ސާފުކުރުމާއި، ދަނޑު ގާއިމުކުރުމުގެ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއި، ވުޒާރާއާ ގުޅިގެން ދަނޑު ބަލަހައްޓައި ދިނުމަކީ ވުޒާރާގެ އެދުމެއް ކަމަށެވެ.

ދަނޑަށް މީހަކު ފެން ޖަހަނީ: ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެހެންކަމުން، ދަނޑު އެޅުމަށް ކަނޑައަޅާ ސަރަޙައްދު ފާހަގަކޮށް، ދަނޑު އެޅުމަށް ލިބޭނެ ބިމުގެ ބޮޑުމިން އަންނަ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އަންގައި ދިނުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

"ދަނޑު އެޅުމާއި އެ ދަނޑުން ރަށު ކައުންސިލަށް ނަފާ ހޯދޭނެ ގޮތުގެ އެއްބަސްވުމެއް ހަދައި، މި މިނިސްޓްރީއާއި ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ." އިއުލާނުގައިވެއެވެ.

އެ އިއުލާނުގައި ވަނީ، އެކަމާ ގުޅޭ އިތުރު މަޢުލޫމާތު 3309391 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމަށް ފަށައިފައިވާ މަޝްރޫއުގެ ދަށުން 1.8 މިލިއަން ގަސް އިންދައިފައިވާ ކަމަށް، މި މަހުގެ 11 ވަނަ ދުވަހު ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ރާއްޖެއަކީ ކާބޯތަކެތި އެތެރެކުރުމަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، އެ ބަރޯސާވުން ކުޑަކޮށް، ގައުމުގައި ހައްދާ ތަކެތިން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަކު ގޮވާލާތާ އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް ރާއްޖޭގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.

https://sun.mv/226548

ފާހަގަކޮށްލެވޭ ގޮތުގައި، ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އެ އިއުލާން ނެރުނުއިރު، ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

އެ އިސްލާހު އޮތީ ކައުންސިލްތަކަށް ނަފާ ލިބެން އޮތް ބިންތައް ގެއްލޭ ގޮތަށް ކަމަށް ބުނެ، އިދިކޮޅާއި ބައެއް ކައުންސިލްތަކުގެ ފާޑުކިޔުން ވެސް އޮތީ އަމާޒުވެފައެވެ.

comment ކޮމެންޓް