އެފްއޭއެމުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގެ އދ. އަތޮޅު ބުރުގެ ޗެމްޕިއަންކަން، ޕެނަލްޓީ ޖަހައިގެން މަންދޫ ބަލިކުރުމަށްފަހު ދަނގެތިން ހޯދައިފިއެވެ.
ކްލަބް މޯލްޑިވްސްގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މުބާރާތުގެ އދ. އަތޮޅުގައި ބައިވެރިވެފައިވަނީ ދަނގެއްޗާއި މަންދޫ އެކަންޏެވެ. އެހެންކަމުން، އަތޮޅު ޗެމްޕިއަން ޓީމު ކަނޑައެޅުމަށް ދަނގެތީގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދަނގެތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 4-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މި މުބާރާތަކީ އެފްއޭއެމްއިން އެކުލަވާލާފައިވާ ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން ކުރިއަށްދާ މުބާރާތެކެވެ. މި އޮނިގަނޑު ހަމަޖެހިފައިވާ ގޮތުން، ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އަދި ޒޯން ބުރުގެ އެންމެ މޮޅު ދެ ޓީމު ރީޖަން ޗެމްޕިއަންޝިޕަށް ދަތުރުކުރާއިރު، ރީޖަން ބުރުގެ ޗެމްޕިއަން ޓީމުތައް ކޮލިފައިވާނީ އެފްއޭއެމް ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށެވެ.
މީގެ އިތުރުން، ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ހަތަރު ޓީމަށް 2027 ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގުން ޖާގަ ލިބިގެންދާނެއެވެ.
މުޅި ރާއްޖެއިން 59 ޓީމާއެކު މި މުބާރާތުގެ އަތޮޅު ބުރުގެ ކުޅުން 16 އަތޮޅެއްގައި ކުރިއަށްދާއިރު، އެންމެ ޓީމެއް ބައިވެރިވުމުގެ ސަބަބުން ފަސް އަތޮޅެއްގެ ޓީމުތަކަށް ވަނީ އޮޓޮމެޓިކުން ޒޯން ޗެމްޕިއަންޝިޕުން ޖާގަ ލިބިފައެވެ.
އެއީ މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫއެވެ. މީގެ އިތުރުން، ކުރިން މުބާރާތް ނިމުނު އަތޮޅުތަކުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ނ. މަގޫދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ހިންނަވަރު އަދި އއ. މަތިވެރިއެވެ.