ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ކުރިން ޒިންމާދާރުވެ، އިސްލާހުވާންވީ ސަރުކާރު: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބުރާހީމް އަމީރު:--- ފޮޓޯ/ އެމްޑީޕީ

ރާއްޖޭގެ އިގުތިސާދީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށާއި، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފިޔަވަޅުތައް އެޅުމުގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޒިންމާދާރުވެ އިސްލާހުވާންޖެހޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށްް ފާޑުވިދާޅުވެ، އަމީރު ވިދާޅުވީ ޑޮލަރުން ލިބޭ އާމްދަނީ އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި، ނަމަވެސް ޑޮލަރުން ދައްކަންޖެހޭ ދަރަނި އަދާކުރުމަށްފަހު ބާކީވާ ޑޮލަރު ސަރުކާރުން އިސްރާފުކުރަމުންދާ ކަމަށެވެ.

https://sun.mv/226537

އެގޮތުން މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި 3،500 މިލިއަން ޑޮލަރު ލިބިފައިވާއިރު، އިންޑިއާގެ ކަރަންސީ ސްވޮޕަށް ދެއްކި ފައިސާ ހިމަނައިގެން ދަރަނި ދެއްކުމަށްފަހު ވެސް 2.6 މިލިއަން ޑޮލަރު ބާކީވި ކަމަށް އަމީރު ވިދާޅުވިއެވެ. ނަމަވެސް، މި ފައިސާއިން ކުރި ކަމެއް ފެންނަން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ ޑޮލަރުގެ ކަޅުބާޒާރުގައި ރޭޓު ކޮންޓްރޯލްނުވެ މައްޗަށް ދަނީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވުމުން ކަމަށެވެ. އަދި ހަރަދު ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތައް އިތުރުކޮށް، ރައީސް އޮފީހަށް އެކި ނަންނަމުގައި މީހުން ނަގައިގެން ބޭކާރު ހަރަދުތައް ކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ރިސޯޓުތަކުން ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުން ފަދަ ސިޔާސަތުތަކަށް އިޝާރާތްކުރައްވައި އަމީރު ވިދާޅުވީ، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތައް ގެއްލި މާކެޓުގެ ވާދަވެރިކަން ގެއްލޭނެ ކަމަށެވެ.

"މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިތުރަށް ގޯސް ވަމުންދާކަން އެބަ އެނގޭ. ފުރަތަމަ ކަމަކަށް، ރައްޔިތުންނާ ހަމައަށް ދިޔުމުގެ ކުރީގައި، ވިޔަފާރިތަކާ ހަމައަށް ދިޔުމުގެ ކުރީގައި ސަރުކާރު އެބަ ޖެހޭ ޒިންމާދާރުވެ އިސްލާހުވާން،" އަމީރު ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮލަރުގެ އަގު 22 ރުފިޔާއިން މައްޗަށް ގޮސްފައިވާއިރު، ސަރުކާރުން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، އާމްދަނީގެ 40 އިންސައްތަ ބޭންކަށް މާރުކުރުމާއި، ރަސްމީ ރޭޓުން ބޭރުން މާރުކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަން ނިންމައިފައެވެ.

ނަމަވެސް އަމީރު ވިދާޅުވީ، ސަރުކާރު ހަމަމަގަށް އަޅުވައި ޒިންމާދާރު ނުވެ މިފަދަ ފިޔަވަޅުތައް އަޅައިފިނަމަ ރައްޔިތުންނާއި ވިޔަފާރިވެރިން ވެއްޓޭނީ ފުން އަނދަވަޅަކަށް ކަމަށެވެ.

comment ކޮމެންޓް