ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބެންކު އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގައި ވަނީ، އެ ގަވައިދުގެ 58 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށްފައެވެ.
އިތުރުކުރި އަކުރުގައި ބުނެފައި ވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ދެން ޖަމާކުރަން ޖެހޭނީ، މަރުކަޒީ ބެންކު (އެމްއެމްއޭ)ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ އެ މުވައްޒަފެއްގެ ބެންކު އެކައުންޓަށް ކަމަށެވެ.
މި ގަވައިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 30 ދުވަހުގެ ފަހުންނެވެ.

ބިދޭސީންތަކެއް މަސައްްކަތުގައި: ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބެންކު އެކައުންޓަށް ޖަމާކުރަން ވަނީ މަޖުބޫރުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މީގެކުރިން ވެސް، ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާކުރަން އިސްލާހު ހުށަހެޅިއެވެ. އެ ކަން ނުކޮށްފިނަމަ، ވަޒީފާދޭ ފަރާތް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރިއެވެ.
އެ ޖޫރިމަނާ ކުރަން ފެށީ، ވަޒީފާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން ކަމަށްވާއިރު، ޑިސެމްބަރު 28، 2017ގައި އެ ޖޫރިމަނާ ކުރުން ފަސްކުރިއެވެ.
އަލުން، ބިދޭސީންގެ މުސާރަ ބެންކު އެކައުންޓުތަކަށް ޖަމާކުރަން ފަށާފައި މި ވަނީ، ގިނަ އަދަދެއްގެ ބިދޭސީން ގަވައިދަށް ފައްތާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ.
އެގޮތުން، މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، އެ ދުވަހާ ހަމައަށް 98 ޕަސެންޓު ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ ކަމަށް ވިދާޅުވެފައެވެ.
ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭ ގޮތަށް ގާނޫނުން ލާޒިމް ކުރީ ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަނީ ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސަންޓެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކުރާއިރު، އެ މީހުންގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ މީހުން މަދެއް ނޫނެވެ. އެހެންވެ، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.