ސީއީއޯގެ މަގާމުން ވަކިވުމުގެ ކުރިން ޓިމް ކުކްއަށް އެޕަލް އިން ހާއްސަ ހަފުލާއެއް ބާއްވައިފި

ޓިމް ކުކް ދެން ހުންނަވާނީ އެޕަލްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުގައި ---

އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި 15 އަހަރު ހޭދަކުރެއްވުމަށްފަހު، އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު މަގާމުން ވަކިވެވަޑައިގަތުމަށް ތައްޔާރުވަމުންދާ ޓިމް ކުކްގެ ޝަރަފުގައި އެޕަލް އިން ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

އޮގަސްޓް 23 ވަނަ ދުވަހު އެޕަލް ޕާކްގައި ބޭއްވި މި ހަފުލާގައި ގާތްގަނޑަކަށް 200 މީހުން ބައިވެރިވެފައިވާއިރު، މި އިވެންޓުގައި މަޝްހޫރު މިއުޒިކް ބޭންޑް ވަންރިޕަބްލިކް އިން ވަނީ ހާއްސަ ހުށަހެޅުންތަކެއް ހުށަހަޅައިދީފައެވެ. މި ތާރީޚަކީ މީގެ 15 އަހަރު ކުރިން ޓިމް ކުކް އެޕަލްގެ ސީއީއޯ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ތާރީޚެވެ.

ސީއީއޯގެ މަގާމުން ވަކިވެވަޑައިގެންނެވި ނަމަވެސް ކުކް ކުންފުންޏާ މުޅިން ވަކިވެވަޑައިނުގަންނަވާނެއެވެ. އޭނާ ދެން ހުންނަވާނީ އެޕަލްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުގައި ކަމަށާއި، ސަރުކާރުތަކާ ގުޅުން ބަދަހިކުރުމުގެ ކަންކަމުގައި އިސް ދައުރެއް އަދާކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

https://sun.mv/213964

މި ހަފުލާގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ސްޓީވް ޖޮބްސްގެ ހުވަފަތް އަނބިކަނބަލުން ލޯރީން ޕަވެލް ޖޮބްސް، ކުރީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޖެފް ވިލިއަމްސް، ސާވިސަސް ވެރިޔާ އެޑީ ކިއު އަދި އެޕަލްގެ އައު ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޖޯން ޓާނަސް ހިމެނެއެވެ.

ޓިމް ކުކް އެދިވަޑައިގަންނަވަނީ އޭނާ ކުންފުންޏަށް ކޮށްދެއްވި ޚިދުމަތްތައް އެހެން ފަރާތްތަކުން ވަޒަންކުރުމަށެވެ. އަދި އޭނާ އެޕަލްގައި ހޭދަކުރެއްވި ދުވަސްތަކާ ގުޅޭގޮތުން އަމިއްލަފުޅަށް މާގިނަ ވާހަކަތަކެއް ދެއްކެވުމުގެ ބަދަލުގައި، އޭނާ ހަނދާން ބަހައްޓަން އެދިވަޑައިގަންނަވަނީ ހެޔޮ އަދި އަޚުލާގު ރަނގަޅު އިންސާނެއްގެ ގޮތުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޓިމް ކުކްގެ ދައުރުގައި އެޕަލްގެ ވިޔަފާރި އެތައް ޓްރިލިއަން ޑޮލަރަކަށް ފުޅާކޮށް، ދުނިޔޭގެ އެންމެ ވަރުގަދަ ސަޕްލައި ޗޭން ނެޓްވޯކް ގާއިމުކޮށްފައިވުމާއެކު، އައު ސީއީއޯ ޖޯން ޓާނަސްއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ. މީގެ ތެރޭގައި ކުންފުނީގެ އިސް ލީޑަޝިޕް ބޭފުޅުން ރިޓަޔާ ކުރެއްވުމާއި، އޭއައި ދާއިރާގެ ވާދަވެރިކަމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ނެރެން ހަމަޖެހިފައިވާ އައު އުފެއްދުންތަކުގެ ޕްރޮޖެކްޓްތައް ހިމެނެއެވެ.

ޓިމް ކުކްގެ ވަދާއީ ޕާޓީ ކުރިއަށްދިޔައީ އާންމުންނަށާއި މީޑިއާތަކަށް ސިއްރުކުރެވިފައިވާ، ވަރަށް ބޮޑަށް ޕްރައިވެޓް ހަފްލާއެއްގެ ގޮތުގައެވެ. އެޕަލް ޕާކްގެ ކެފޭ މެކްސްގައި ބޭއްވި މި ބައްދަލުވުމަށް ދައުވަތު ދެވުނީ އެޕަލްގެ އިސްވެރިންނާއި ޓިމް ކުކްގެ ގާތް ރަހުމަތްތެރިން ހިމެނޭހެން އެންމެ 200 އެއްހާ ޚާއްސަ މެހެމާނުންނަށެވެ.

އެތެރޭގެ މައުލޫމާތުތައް ބޭރުވުން ހަރުކަށިކޮށް މަނާކޮށްފައި އޮތުމުގެ ސަބަބުން، ހަފްލާގެ ރަސްމީ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާންމުކޮށްފައެއް ނުވެއެވެ. މިހެންވެ، މުޅި ހަފްލާ ނިމިގެންދިޔައީ މީޑިއާގެ އެއްވެސް ސަމާލުކަމެއް ނެތި، އެޕަލްގެ އާއިލާއަށް އެކަނި ބައިވެރިވެވުނު ވަރަށް ޒާތީ އަދި އަސަރުގަދަ ޕާޓީއެއްގެ ގޮތުގައެވެ.

ކުކްގެ މި ހަފުލާއަށްފަހު، އެޕަލް ޕާކް ދެން ތައްޔާރުވަމުންދަނީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ އައު އައިފޯން ތައާރަފްކުރާ ހަފުލާއަށެވެ. އެ އިވެންޓުގެ ދައުވަތު ވަރަށް އަވަހަށް ފޮނުވަން ފަށާނެ ކަމަށް ބެލެވޭއިރު، އިވެންޓް ބޭއްވުމަށް ލަފާކުރެވެނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

comment ކޮމެންޓް