އެޕަލް ކުންފުނިން އަލަށް ނެރުމަށް ތައްޔާރުވަމުން އަންނަ އައިއޯއެސް 27، އައިޕެޑްއޯއެސް 27 އަދި މެކްއޯއެސް ގޯލްޑަން ގޭޓްގެ އަޕްޑޭޓްތަކާ އެކު ތައާރަފުކުރާ "ސިރީ އޭއައި" ބޭނުންކުރުމުގެ ފުރުސަތު އާންމުންނަށް ދިނުމުގައި ވެއިޓްލިސްޓެއް ބޭނުންކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި އައު އަޕްޑޭޓްތައް ރަސްމީކޮށް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާއިރު، ފުރަތަމަކޮޅު މި ޚިދުމަތް ލިބޭ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމުގެ ގޮތުން ވެއިޓްލިސްޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މެކްރޫމާސް ފޯރަމްގައި ބަޔާންކޮށްފައިވާ މެކްޓްރެކަރެއް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، އައިއޯއެސް 27، އައިޕެޑްއޯއެސް 27 އަދި މެކްއޯއެސް ގޯލްޑަން ގޭޓްގެ ހަތްވަނަ ބީޓާ ވާޝަންގައި ވެއިޓްލިސްޓް އިންތިޒާމުތައް ވަނީ ހިމަނާފައެވެ. ސިރީ އޭއައި އަކީ މިހާރު ހުރި ސިރީއަށް ވުރެ އެތައް ގުނައެއް ގާބިލު އަދި ފުރިހަމަ ވާޝަނެކެވެ.

ބީޓާ ޓެސްޓިން މަރުހަލާގައި ވެސް ސިރީ އޭއައި ދޫކޮށްފައިވަނީ ވެއިޓްލިސްޓަކާ އެކުގައި ----
ބޭނުންކުރާ ފަރާތްތަކުން މި ވެއިޓްލިސްޓާ ގުޅުމުން، ޚިދުމަތް ލިބެން ހޭދަވާނެ ކަމަށް ލަފާކުރެވޭ ވަގުތު ދައްކައިދޭ ޑައިނަމިކް މެސެޖުތަކެއް ފެންނަން ހުންނާނެއެވެ. އަދި ބޭނުންކުރާ މީހުންގެ ޑިމާންޑަށާއި ސާވަރުތަކުގެ ކެޕޭސިޓީއަށް ބަލައި މި ވަގުތު ބަދަލުކުރުމުގެ ފުރުސަތު އެޕަލްގެ ސާވާ ސައިޑުން ލިބިގެންދާނެއެވެ. ވެއިޓްލިސްޓުން ޖާގަ ލިބި ސިރީ އޭއައި ބޭނުންކުރެވޭ ހިސާބަށް ދިއުމުން ބޭނުންކުރާ ފަރާތަށް އެކަމުގެ ނޮޓިފިކޭޝަނެއް ލިބޭނެއެވެ.
ބީޓާ ޓެސްޓިން މަރުހަލާގައި ވެސް ސިރީ އޭއައި ދޫކޮށްފައިވަނީ ވެއިޓްލިސްޓަކާ އެކުގައެވެ. އެ މަރުހަލާގައި ބައެއް މީހުންނަށް މި ޚިދުމަތް ލިބުމަށް ހަފުތާއެއްހާ ދުވަސް ހޭދަވި ނަމަވެސް، ސެޕްޓެމްބަރު މަހު އާންމުކޮށް ނެރޭއިރު އިންތިޒާރު ކުރަންޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ބީޓާ މަރުހަލާގައި މިހާރުވެސް ސިރީ އޭއައި ލިބިފައިވާ ފަރާތްތަކުން އަލުން ވެއިޓްލިސްޓާ ގުޅޭކަށް ނުޖެހޭނެއެވެ.

ސިރީ އޭއައިގެ ވެއިޓްލިސްޓްގައި އިންނަންޖެހޭނީ ކިހާވަގުތަކުކަމެއް އަދި ސާފެއްނުވޭ ---
އެޕަލް ކުންފުނިން ސިރީއަށް ގެންނަ މި ބޮޑު ބަދަލަކީ ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އެ އެސިސްޓެންޓުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް، ވާހަކަ ދެއްކުމުގެ ވައްޓަފާޅިއާއި ޔޫޒަރުން ކުރާ އަމުރުތައް ދެނެގަތުމުގެ ގާބިލުކަން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. މީގެ ކުރިން ވެސް އެޕަލް އިންޓެލިޖެންސްގެ އައު ފީޗާތައް ތައާރަފުކުރިއިރު، ސާވަރުތަކަށް ބާރުބޮޑުވިޔަ ނުދިނުމަށާއި ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެ ކުންފުނިން ޚިދުމަތްތައް ދޫކޮށްފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެން ވެއިޓްލިސްޓް އުސޫލުންނެވެ.