ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ޓަކައި އދ.ގެ 16 އިދާރާއެއްގެ އެހީތެރިކަން ހޯދުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އިރުތިޝާމް އާދަމެވެ. އަދި އދ.ގެ ފަރާތުން ސޮއިކުރެއްވީ އދ.އިން ރާއްޖެއަށް ކަނޑައަޅައިފައިވާ މަންދޫބު ހާއޯ ޖަންގެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިއީ އަންނަ އަހަރުން ފެށިގެން ފަސް އަހަރުގެ ނިޔަލަށް އދ.ގެ ތަރައްގީގެ ނިޒާމުގެ ތެރެއިން އެކުލަވައިލާ އެންމެ މަތީ ފަންތީގެ އިސްތިރާޖީ އޮނިގަނޑު ހިމެނޭ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މި އޮނިގަނޑުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްލުކުރުން އަވަސްކުރުމަށް ޓަކައި ދެފަރާތުން ގުޅިގެން ކުރާނެ މަސައްކަތްތައް ބަޔާންކޮށްފައިވާ ކަމަށް، މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ، ދެމެހެއްޓެނިވިި ތަރައްގީ ހާސިލުކުރުމަށް ދަތިތައް އެބަހުރި ކަމަށެވެ. ނަމަވެސް އިންސާނީ ވަސީލަތްތަކާއި އުމްރާނީ ތަރައްގީއަށް ކުރެވޭ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އިރުތިޝާމް ދެއްވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހާއޯ ވިދާޅުވީ މި އައު އޮނިގަނޑުގެ ދަށުން ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހިންގުންތެރިކަން ތަރައްގީކުރުމަށް އިސްކަން ދޭ ކަމަށެވެ.