މިއަދު ބާއްވާނެކަމަށް އިއުލާނުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފައިވާކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގައިފިއެވެ.
އިއްޔެ އޮތް މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދު ޖަލްސާއެއް އޮންނާނެކަން އިއުލާނުކުރައްވާފައެވެ.
ނަމަވެސް، މިއަދު އެ ޖަލްސާ ނުބާއްވާ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ދެވަނަ ދައުރު ނިމޭނީ އޯގަސްޓު 15 ގައެވެ. އެހެންނަމަވެސް، ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ދެވަނަ ދައުރު ވަނީ އޯގަސްޓު 27 ގެ ނިޔަލަށް ދަންމާލައިފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ކެންސަލް ކުރި ސަބަބެއް އޮޅުންފިލުވަން "ސަން" އިން މަޖިލީހުގެ ބައެއް މެމްބަރުންނާ ގުޅައި، ސުވާލުކުރުުން އެ މެމްބަރުން ވިދާޅުވީ ޖަލްސާ ކެންސަލް ކުރި ސަބަބެއް ނޭންގޭ ކަމަށާއި އެކަން މަޖިލީހުން އެ މެމްބަރުންނަށް ވެސް އަންގާފައިނުވާކަމަށެވެ.
އަދި އެގޮތަށް މަޖިލީހުގެ ޖަލްސާތައް އެއްވެސް އެންގުމަކާއި ނުލައި ކެންސަލް ކުރަން ޖެހޭ ސަބަބެއް ވެސް ނޭންގޭ ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ އިހުތިސާސީ ބާރުވެރިކަން އެއްކޮށް ނެގޭގޮތަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
މި ބިލަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައި ސޯޝަލްމީޑިއާ އެކްޓިވިސްޓު، މިދުއަމް ސައުދު ވަނީ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.
މި ޕެޓިޝަނަށް މަޖިލީހުގެ ގަވާއިދު ބުނާ ތްރެޝްހޯލްޑް 2 އަކަށް ފެތޭ މިންވަރަށް ސޮއި ވަނީ ހަމަވެފައެވެ. އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅުމާއެކު، ސަރުކާރަށް ބިންތައް ނެގޭ އިސްލާހު ފާސްކުރުމަށް ގޮވާލައި އިތުރު ދެ ޕެޓިޝަނެއްވެސް ވަނީ މަޖިލީހަށް ވައްދައިފައެވެ.
އެހެންނަމަވެސް، އެ ދެ ޕެޓިޝަނަށް ވެސް ރިއާޔަތްކުރުމެއް ނެތި އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝިފާޒް އެވެ.
އަދި މިއަދުގެ މެންދުރު 2:00 ގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމަން އިއްޔެ ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އެވެ.
މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާއިރު، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރައާއި ގިނަ އިނާޔަތްތަކެއް ލިބޭއިރު، އެއާ އެއްވަރަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. ޚާއްސަކޮށް މި ދައުރުގައި ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި މަސައްކަތްތައް މަދުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.