"ރުފިޔާގެ އަގު ހިފަހައްޓަން 3 ބިލިއަން ރުފިޔާ އެމްއެމްއޭއަށް ނަގައިފިން"

500 ރުފިޔާގެ ނޫޓެއް --- ސަން ފައިލް ފޮޓޯ: އިބްރާހިމް އިފާޒް

ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށް ހިންގި އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް، ތިން ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

"ސަން" އަށް މައުލޫމާތު ދެމުން އެމްއެމްއޭ އިން ބުނީ، މަރުކަޒީ ބޭންކުން 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން, "ރިވާސް ރީޕާޗޭސް އޮޕަރޭޝަން" ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

މިއީ ބާޒާރުގައި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ އިތުރުވެ، އޭގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެގެން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދިޔަ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަގުސަދުގައި އެޅި ހަރުދަނާ ފިޔަވަޅެކެވެ.

މި އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ ޖޫން މަސް ނިމުނުއިރު ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ ވަނީ 39 ޕަސެންޓް ދަށްކުރެވިފައެވެ.

އެމްއެމްއޭ އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖޫން މަހު ސާޕްލަސް ލިކުއިޑިޓީގެ ގޮތުގައި އެވްރެޖްކޮށް ހަތް ބިލިއަން ރުފިޔާ ހުއްޓެވެ. ނަމަވެސް، މި އަހަރުގެ ޖޫން މަސް ނިމުނުއިރު އެ އަދަދު ވަނީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއަށް ތިރިކުރެވިފައެވެ.

ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި އިތުރުވެފައިވާ ފައިސާގެ މިންވަރު ކޮންޓްރޯލްކޮށް، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް ޓަކައި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިތުރަށް ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެ އޮތޯރިޓީން ވަނީ މި މަހުގެ ހަވަނަ ދުވަހު ވެސް ނިންމައި އިއުލާނުކޮށްފައެވެ.

އެގޮތުން އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ މުހިންމު ދެ ފިޔަވަޅަކީ، ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރްއާރް) މަތިކުރުމާއި، އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ގެ ދާއިރާ އިތުރަށް ފުޅާކޮށްގެން އިގްތިސާދުގައި ދައުރުވާ ފައިސާގެ މިންވަރު މަދުކުރުމެވެ.

މި ނިންމުމާ އެއްގޮތަށް، އަންނަ މަހުން ފެށިގެން ބޭންކުތަކުން އެމްއާރްއާރްގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު 10.5 އިންސައްތައިން 11.0 އިންސައްތައަށް މަތިކުރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް