އޯވަރިއަން ސިސްޓަކީ އޯވަރީގެ އެތެރޭގައި ނުވަތަ ބޭރު ފަށަލައިގައި އުފެދޭ، ދިޔާ އެއްޗެހިން ފުރިފައިވާ ކޮތަޅުތަކެކެވެ. މިއީ ދަރިމައިވުމުގެ ގާބިލުކަން ހުންނަ އުމުރުގެ އަންހެނުންގެ މެދުގައި ވަރަށް އާންމު ކަމެކެވެ.
ކުއްޖަކު ހޯދުމަށް ތައްޔާރުވަމުންދަނިކޮށް، އޯވަރީގައި ސިސްޓު ހުރިކަން އެނގުމަކީ ގިނަ އަންހެނުންނަށް ކުރިމަތިވާ ކަމެކެވެ. މިއީ އަންހެނުންގެ މެދުގައި ވަރަށް އާންމު ކަމަކަށް ވާއިރު، ގިނަ ފަހަރަށް މީގެ އެއްވެސް އަލާމާތެއް ނުފެނިވެސް ހުރެދާނެއެވެ.
އެހެންނަމަވެސް، ކުއްޖަކު ހޯދުމަށް މަސައްކަތްކުރާ ދުވަސްވަރެއްގައި މިފަދަ ސިސްޓެއް އޮތުމަކީ ފަރުވާކުޑަކޮށްލެވޭނެ ކަމެއް ނޫން ކަމަށް ގްރަހާ ކެޑޯޔާ ހޮސްޕިޓަލުގެ އަންހެނުންގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރު، ޑރ. ކެވަން ޕީ.އެމް ޓާލީ ވިދާޅުވެއެވެ.
އޯވަރީގައި އުފެދޭ ސިސްޓުގެ ސަބަބުން ދަރިމައިވުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުކުރެވޭއިރު، މިފަދަ ހާލަތްތަކުގައި އިތުރު ތަހުލީލުތައް ބޭނުންވާނެ ހާލަތްތަކާގުޅޭ މައުލޫމާތު އެނގުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެތެރެއިން އެންމެ އާންމު ބާވަތަކީ 'ފަންކްޝަނަލް ސިސްޓް'އެވެ. މިއީ ބިސް ދޫކުރުމުގެ މަރުހަލާ ނުވަތަ އޮވިއުލޭޝަނާ ގުޅިފައިވާ ސިސްޓެކެވެ. މިފަދަ ސިސްޓުތަކަކީ އާންމުގޮތެއްގައި ނުރައްކާތެރި އެއްޗެއް ނޫނެވެ. އަދި އަމިއްލައަށް ކުޑަވެ، ނެތިގެން ދިއުމުގެ ފުރުސަތު އޮވެއެވެ.

ޓެސްޓުތަކުން ސިސްޓެއް ފެނުމާ އެކު، އެއީ ދަރިމައިވުމަށް ހުރަސްއަޅާ ސަބަބު ކަމަށް ނިންމުމުގެ ބަދަލުގައި، އެއީ ކޮން ބާވަތެއްގެ ސިސްޓެއްކަން ދެނެގަތުން މުހިއްމު--ފޮޓޯ/ބޭބީސެންޓަ
އެހެންނަމަވެސް، ހުރިހާ ސިސްޓެއްގެ ސިފަތަކަކީ އެއްގޮތް ސިފަތަކެއް ނޫނެވެ. ބައެއް ބާވަތްތަކުގެ ސިސްޓުތައް، މިސާލަކަށް އެންޑޯމެޓްރިއޯސިސްއާ ގުޅިގެން އުފެދޭ 'އެންޑޯމެޓްރިއޯމާ' ނުވަތަ 'ޗޮކްލެޓް ސިސްޓް'ތަކުގެ ސަބަބުން އޯވަރީގެ މަސައްކަތްތަކަށާއި ދަރިމައިވުމުގެ ގާބިލުކަމަށް އަސަރުކޮށްފާނެއެވެ. އެހެންކަމުން، ކޮންމެ ސިސްޓެއްގެ އަސަރު ވަކިވަކިން ބަލައި ދެނެގަތުމަކީ މުހިންމު ކަމެކެވެ.
ޑރ. ކެވަން ޕީ.އެމް ޓާލީ ފާހަގަކުރައްވާ ގޮތުގައި ހުރިހާ ބާވަތެއްގެ ސިސްޓަކީ ދަރިމައިވުމަށް ހުރަސްއަޅާ އެއްޗެއް ނޫނެވެ. މިކަން ބިނާވެފައި އޮންނަނީ ސިސްޓުގެ ބާވަތަށާއި، އެއާ ގުޅިގެން ހުންނަ އެހެނިހެން ސިއްހީ މައްސަލަތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވެއެވެ.
މިސާލަކަށް، އެންޑޯމެޓްރިއޯސިސްގެ ސަބަބުން އުނަގަނޑުގެ ސަރަހައްދާއި އޯވަރީތައް ދުޅަވުން ފަދަ ކަންކަން މެދުވެރިވެ، ބައެއް އަންހެނުންނަށް ދަރިމައިވުމުގައި ދަތިތަކާ ކުރިމަތިވެއެވެ. ހަމައެއާއެކު، ޕޮލިއެންޑޯކްރައިން މެޓަބޮލިކް އޯވޭރިއަން ސިންޑްރޯމް (ޕީއެމްއޯއެސް) ފަދަ ހާލަތްތަކުގައި ބިސް ފުރިހަމައަށް ފައްކާވުމަށާއި ބިސް ދޫކުރުމަށް ހުރަސްއެޅި، ބަނޑުބޮޑުވުމުގެ ފުރުސަތު ކުޑަވެއެވެ.
ނަމަވެސް، ފަންކްޝަނަލް ސިސްޓުތަކާއި ޑާމޮއިޑް ސިސްޓުތަކަކީ އާންމު ގޮތެއްގައި ދަރިމައިވުމުގެ މައްސަލަތަކާ ސީދާ ގުޅުމެއް ހުންނަ އެއްޗެއް ނޫނެވެ.
އެހެންކަމުން، ޓެސްޓުތަކުން ސިސްޓެއް ފެނުމާ އެކު، އެއީ ދަރިމައިވުމަށް ހުރަސްއަޅާ ސަބަބު ކަމަށް ނިންމުމުގެ ބަދަލުގައި، އެއީ ކޮން ބާވަތެއްގެ ސިސްޓެއްކަން ދެނެގަތުން މުހިންމެވެ. މިކަމަށް ޓަކައި އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދައި، ބޭނުންވާ ތަހުލީލުތައް ކުރުން ބުއްދިވެރިއެވެ.
އޯވަރިއަން ސިސްޓު ހުރި ނަމަވެސް އަބަދު އަލާމާތްތަކެއް ނުފެނިދާނެއެވެ. އެހެންނަމަވެސް، ތިރީގައިވާ އަލާމާތްތައް ފެންނަނަމަ އެކަމަށް ސަމާލުވާންޖެހެއެވެ.
- މައްސަރު ކަންތައް ގަވާއިދުން ނުވުން ނުވަތަ އާދަޔާ ހިލާފު ބަދަލުތަކެއް އައުން
- ބަނޑުގެ ތިރިން ނުވަތަ އުނަގަނޑުގެ ސަރަހައްދުގައި ރިއްސުން
- ޖިންސީ ގުޅުން ހިންގާއިރު ތަދުވުން
- ބަނޑު ފުރިފައި ހުންނަހެން ހީވުން ނުވަތަ ބަނޑު ބޮޑުވުން
- ކާ އެއްޗެހި ކާއިރު އަވަހަށް ބަނޑުފުރޭ ގޮތްވުން
- ގިނަގިނައިން ކުޑަކަމުދާން ޖެހުން
މީގެއިތުރުން، ކުއްލިއަކަށް ބަނޑުގައި ނުވަތަ އުނަގަނޑުގައި ވަރަށް ބޮޑަށް ރިއްސުން، ބަނޑުގައި ރިއްސުމާ އެކު ހުން އައުން ނުވަތަ ހޮޑުލެވުން، ބޯ އެނބުރުން، ވަރުބަލިވުން ނުވަތަ ހޭނެތުން އަދި ނޭވާ އަވަސްވުން ނުވަތަ ނޭވާލާން އުނދަގޫވުން ކަމެއް މެދުވެރިވެއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ޑޮކްޓަރުން އިލްތިމާސް ކުރައްވައެވެ.
މިފަދަ އަލާމާތްތަކަކީ ސިސްޓެއް ފަޅައިގެން ދިއުން ނުވަތަ އޯވަރީ އޮޅުން ފަދަ ނުރައްކާތެރި ހާލަތެއްގެ ނިޝާނަކަށް ވެދާނެއެވެ. މިއީ ވަގުތުން ފަރުވާ ބޭނުންވާނެ ހާލަތްތަކެކެވެ.
އޯވަރިއަން ސިސްޓު ހުރިކަމަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނަނަމަ، ނުވަތަ ކުރިން ސިސްޓް ހުރިކަމުގެ ހިސްޓްރީއެއް އޮތްނަމަ، ނުވަތަ ދަރިމައިވުމުގައި ދަތިތަކެއް ހުރިނަމަ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާ މަޝްވަރާކުރުމަކީ، ދަރިމައިވުމުގެ ސިއްހަތު ރައްކާތެރިކުރުމަށާއި ބަނޑުބޮޑުވުމަށް ކުރާ މަސައްކަތަށް ބޭނުންވާ އެންމެ އެކަށީގެންވާ ފަރުވާ ހޯދުމަށް ފަސޭހަވާނެ ކަމެކެވެ.
އޯވަރީގައި ސިސްޓެއް އޮތުމަކީ ދަރިން ނުލިބޭނެ ސަބަބެއް ނޫނެވެ. ގިނަ ބާވަތްތަކުގެ ސިސްޓަކީ ދަރިމައިވުމަށް އަސަރެއް ނުކުރާ، އަދި އަމިއްލައަށް ރަނގަޅުވާ އެއްޗެއްސެވެ. އެންމެ މުހިންމު ކަމަކީ ސިސްޓުގެ ހާލަތު ދެނެގަނެ، ޑޮކްޓަރުންގެ ބެލުމުގެ ދަށުން ގަވާއިދުން އެ ތަކެތި މޮނިޓާ ކުރުމެވެ.