331 ފުލުހުހަކަށް ޕްރޮމޯޝަން ދީފި

ޕްރޮމޯޝަން ލިބުނުކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފުލުހުން

ފުލުހުންގެ މުއައްސަސާގެ އެކި ރޭންކުތަކުގައި މަސައްކަތްކުރާ 331 އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ނިންމައި، އޭގެ ތެރެއިން މާލެ ސަރަހައްދުގައި ހިދުމަތްކުރާ 166 ފުލުހަކަށް ރަސްމީކޮށް ޕްރޮމޯޝަން ހަވާލުކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަގާމުގެ ކުރިއެރުން ދިން ފުލުހުންގެ ތެރޭގައި ހިމެނެނީ:

  • ސީނިއާ ސާޖަންޓުން: ސަބް އިންސްޕެކްޓާ ރޭންކަށް ބަދަލުވި 35 އޮފިސަރުން
  • ސާޖަންޓުން: ސީނިއާ ސާޖަންޓް ރޭންކަށް ބަދަލުވި 121 އޮފިސަރުން
  • ކޮންސްޓަބަލުން: ސާޖަންޓް ރޭންކަށް ބަދަލުވި 10 އޮފިސަރުން

އަތޮޅުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަށް ޕްރޮމޯޝަން ހަވާލުކުރުން އެ ސަރަހައްދުތަކުގައި ކުރިއަށްދާނެއެވެ.

ޕްރޮމޯޝަން ލިބުނުކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފުލުހުން

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވީ، ރޭންކެއް ބަދަލުވުމަކީ ކުރިއަށްވުރެ ބޮޑަށް ފަރުވާތެރިވެ އިތުރު ޒިންމާތަކެއް އުފުލަންޖެހޭ ކަމެއް ކަމަށެވެ. އަދި ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، އަހުލާގީ ގޮތުން ނަމޫނާ ދެއްކުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.

"މި ތަނުގައި އެންމެ ފުރަތަމަ ފެންނަންޖެހޭ އަސާސީ ސިފައަކީ މަސައްކަތްކުރަން ތިބި ބައެއްގެ އަހުލާގު. އަހުލާގެއް ނެތިއްޔާމު ދެން މިތަނުގައި އަޅުގަނޑުމެންނަށް ނުކުމެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއްވެސް ނޯންނާނެ،" ސީޕީ ވިދާޅުވިއެވެ.

މީގެއިތުރުން، އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ޝަރުތު ހަމަވާ އެއްވެސް މުވައްޒަފެއްގެ ހައްގެއް ނުހިފަހައްޓައި، މަގާމުގެ ކުރިއެރުމާއި ކުލައާއި މެޑަލް ފަދަ ޝަރަފުތައް ފޯރުކޮށްދިނުމަށް ލީޑާޝިޕުން ޚާއްޞަ އިސްކަމެއް ދޭނެކަމުގެ ޔަގީންކަންވެސް ކޮމިޝަނަރު ދެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް