ނިއުކްލިޔާ ހަތިޔާރަށް މިސާރާބު ޖަހަންޖެހިދާނެކަމުގެ އިޝާރާތެއް އީރާނުން ދީފި

ޖެނެރަލް މުހުސިން ރިޒާއީ

ތެހެރާން (23 އޮގަސްޓް 2026) : އެމެރިކާގެ ފަރާތުން ނުރައްކާތަކުން ސަލާމަތްވުމަށް ޓަކައި ނިއުކްލިޔާ ހަތިޔާރަށް މިސާރާބު ޖަހަންޖެހިދާނެކަމުގެ އިޝާރާތެއް އީރާނުން ދީފިއެވެ.

އީރާނުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ އަމީންއާންމު ޖެނެރަލް މުހްސިން ރިޒާއީ ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ހަރުކަށި އަދި އުދުވާނީ ސިޔާސަތުގެ ސަބަބުން ނިއުކްލިޔާ ހަތިޔާރު އުފައްދައިގެން ނޫންގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ނުލިބޭ ހިސާބަށް މިހާރު ހިނގައްޖެކަމަށާ ނިއުކްލިޔާ ނެތް ގައުމުތަކުން ވެސް ނިއުކްލިޔާ ހަތިޔާރު އުފެއްދުމާމެދު މިހާރު ވިސްނަންޖެހިފައިވާ ކަމުގައެވެ.

"އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ދިމާއަށް ދުނިޔެ ގެންދަން ފަށާފައި" އީރާނުގެ ގައުމީ ސަލާމަތާބެހޭ ނިންމުންތައް ނިންމުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްކަމަށްވާ ޖެނެރަލް މުހުސިން ރިޒާއީ ވިދާޅުވިއެވެ.

އީރާނުގައި މަދުވެގެން ނިއުކްލިޔާ 11 ބޮން އުފެއްދޭވަރަށް ޔޫރޭނިޔަމް ފައްކާކޮށްފައި އެބަހުރިކަމަށް ރިޕޯޓްތައް ބުނެއެވެ. ނުވަދިހަ އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިއަމް އިން އެންމެ ޒަމާނީ ނިއުކްލިޔާ ހަތިޔާރު އުފެއްދޭއިރު 60 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް އިން އެޓޮމިކް ބޮން އުފެއްދެއެވެ. އެމެރިކާއިން ޖަޕާނަށް އެޅީ އެޓޮމިކް ބޮމެވެ. ނިއުކްލިޔާ ބޮމެއް ނޫނެވެ.

ފަސްދޮޅަސް އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމްގެ 550 ކިލޯގްރާމް އީރާނުގައި ހުރިއިރު މިތަކެތި ހަލާކުކޮށްލުމަށާ އަދި ވަގަށްނެގުމަށް އެމެރިކާ ކުރި މަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ. ފަރުބަދަތަކުގެ އަޑީގައި ރައްކާކޮށްފައިވާ މި ޔޫރޭނިޔަމް ސަލާމަތުން ހުރިކަން ރިޕޯޓްތަކުން ހާމަވި ނަމަވެސް އެ ތަކެތި ހުރިތަން އީރާނުން މިހާރުވަނީ ވަރަށް ބޮޑަށް ސިއްރު ކޮށްފައެވެ.

އަނެއްކޮޅުން އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ އެއްވެސް އިންސްޕެކްޓަރަކު އީރާނުގެ ނިއުކްލިޔާ އެއްވެސް ސައިޓަކަށް ވަނުން އީރާނުން މަނާކޮށްފައިވާތާ މިހާރުވަނީ އަހަރެއްހާ ދުވަސްވެފައެވެ. ކުރިޔަށް އޮތްތަނުގައި އީރާނުން މިފުރުސަތު ދޭނެކަމަށް ނުބެލެވޭކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ނިއުކްލިޔާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އީރާނަކީ ބޭނުންވެއްޖެ ހިނދެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ހުރިހާ ގާބިލްކަމެއް ލިބިފައިވާ ގައުމެކެވެ. ޔޫރޭނިޔަމް ފައްކާކުރާ މެޝިންތަކަކީވެސް އީރާން އަމިއްލައަށް އުފައްދާ މެޝިންތަކެކެވެ. އީރާނުގައި ނިއުޔކްލިޔާ ސައެންސަށް ޚާއްސަ އެތަށް ޔުނިވާސިޓީތައް ހުރިއިރު އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުންނާއި ނިއުކްލިޔާ އިންޖިނޭރުންގެ އަދަދު 33,000 އަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް