ޑިސެމްބަރު މަހުގެ މެދުތެރޭގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނުކުރަނީ

ޑިސެމްބަރު މަހުގެ މެދުތެރޭގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނުކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫގެ ދަށުން ހުޅުވާލާފައިވާ ގޯއްޗާއި ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު މި އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި އިއުލާނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި، 58505 ފޯމް ހުށަހަޅާފައިވެއެވެ. އެއީ ފްލެޓަށް އެދި 35930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

ހައުސިން މިނިސްޓްރީއިން އިއްޔެ ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތަކުގައި މައްސަލައެއް އުޅޭނަމަ ހައުސިން މިނިސްޓްރީން އެކަން އެންގުމަށް ފަހު، އިތުރު ލިޔެކިޔުން ހުށަހަޅަން ހަތް ދުވަސް ދޭނެ ކަމަށް ބުނެފައެވެ.

https://sun.mv/226377

ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް މިހާރު ކުރިއަށްދާއިރު، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި، ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތުތަކުގައި އެއްވެސް ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެ ކަމަށް އިއްޔެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަމުން ނާޒިމް ރޭ ވިދާޅުވީ، ޑިސެމްބަރު މަހުގެ މެދުތެރެއަށް ފޯމުތަކުގެ އިވެލުވޭޝަން މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މިނިސްޓްރީގެ ތާވަލު އޮތް ގޮތުން ޑިސެމްބަރު މަހުގެ ކުރީކޮޅަށް އެ މަސައްކަތް ނިންމައި، މެދުތެރެއަށް ދާއިމީ ލިސްޓެއް އިއުލާނު ކޮށްލެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދާއިމީ ލިސްޓުގެ ގޮތުގައި ފްލެޓު ލިބޭ ނުވަތަ ގޯތި ލިބޭ ފަރާތްތައް އަޅުގަނޑުމެން އިއުލާނުކުރަމުން ގެންދާނަން. ދެން ލޮކޭޝަނާ ގުޅޭ ބައެއް މައުލޫމާތުތައް ވެސް އަޅުގަނޑުމެން މި އިވެލުވޭޝަން މަރުހަލާ ހިނގަމުންދާއިރު އިތުރަށް ޑިވޮލަޕްވަމުންދާއިރު އަޅުގަނޑުމެން ހަމަ ރައްޔިތުންނަށް ހިއްސާކުރަމުންގެންދާނަން،ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު

ނާޒިމް ވަނީ ޑިސެމްބަރު މަހުގައި ފްލެޓު ލިސްޓު އާންމުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެއްވެސް މައުލޫމާތެއްގައި ފުށުއެރުމެއްވާ ނަމަ އަވަަހަށް އެކަން ޕޯޓަލް މެދުވެރިކޮށް އަންގައި އެކަން އިސްލާހުކުރުމަށް މަސައްކަތް ކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި މިހާރު ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ކުރިއަށްދާއިރު ހުރިހާ ކަމެއް ވެސް އަންގާނީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ގަވާއިދުން ބޯހިޔާވަހިކަން ޕޯޓަލް ބެލުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

https://sun.mv/224004

ބޯހިޔާވަހިކަން އެންމެންނަށް ސްކީމުގެ ދަށުން 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެއެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އަންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިއުލާނުކުރައްވާފައެވެ.

comment ކޮމެންޓް