އެމްއެމްއޭ ކައިރިން، ފުލުހުންނަށް ފޮރުވަންވެގެން މޫދަށް މަސްތުވާތަކެތި އުކާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ މީހާގެ ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.
މިއީ، ގުލްސަންޕާގެ ކ. މާލެ، އަހްމަދު އަރީޝް، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލި މައްސަލައެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މިއީ، 25 ޑިސެމްބަރު 2019 ދުވަހު އަޙްމަދު އަރީޝް މަސްތުވާތަކެތި ހިފައިގެން އެމްއެމްއޭ ކައިރިއަށް ދާކަމުގެ މަޢުލޫމާތު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުމުން، ފުލުހުން އެ ސަރަޙައްދަށް ގޮސް އޭނާ ހުއްޓުވި ހާދިސާއެވެ.
އެ ދުވަހު، ފުލުހުން ފެނުމުން، އަރީޝް އޭނާ ލައިގެން ހުރި ޖިންސުގެ ފަހަތު ޖީބުން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް އެއްޗެއް ނަގައި މޫދަށް އެއްލައިލިއެވެ. ފުލުހުން މޫދުން އެ ތަކެތި ނަގައި ބެލިއިރު، އޭގައި 59.5687 ގްރާމްގެ ޑައިމޯފިން ހުއްޓެވެ.
އެ މައްސަލައިގައި އަރީޝްގެ މައްޗަށް ދައުވާކުރުމުން، އޭނާ އުމުރަށް ޖަލަށްލައި، 100،000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އަރީޝްގެ ފަރާތުންނެވެ. އަރީޝްގެ ފަރާތުން ހައިކޯޓުގައި ފާހަގަކުރީ، ދައުލަތުގެ ހެކިންގެ ހެކިބަހުގައި ޖައުހަރީ ފުށުއެރުންތަކެއް ހުރިކަމާއި، ބުއްދިއަށް ޤަބޫލުނުކުރެވޭ ވާހަކަތަކެއް ހުރިކަމެވެ.
އަދި އޭގެ އިތުރުން، އަރީޝް އެއްޗެއް އެއްލާނުލާކަމަށް ދިފާޢީ ހެކިން ބުނެފައިވަނިކޮށް، އެ ހެކިބަހަށް ދަށު ކޯޓުން ރިއާޔަތްކޮށްފައި ނުވާކަމާއި، ސީސީޓީވީ ފޫޓޭޖް ނުވަތަ ފިންގަރޕްރިންޓް ރިޕޯޓު ފަދަ އިތުރު ކަށަވަރުކުރަނިވި ހެކި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ކުށުގެ މާއްދީ އަދި މައުނަވީ އުންސުރު ސާބިތުވެފައި ނުވުން އަދި ޑްރަގް ޑިޕެންޑެންސް އެސެސްމެންޓް ހަދާފައި ނުވުމުގެ އިތުރުން، ކޯޓު އަމުރެއް ނެތި ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްގެން ހޯދި ހެކިތަކެއްގެ މައްޗަށް ބުރަވެ ޙުކުމްކޮށްފައިވާ ކަމަށް ފާހަގަ ކުރިއެވެ.
އެކަމަކު، މި މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުން ނިންމެވީ، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތުމުން، ދަށު ކޯޓުގެ ޙުކުމަށް ތާއީދުކުރުމަށެވެ. ހައިކޯޓުން ބުރާސްފަތި ދުވަހު މި ހުކުމް ކުރީ، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު އަދި ދީބާނާޒް ފަހުމީ ހިމެނޭ ބެންޗުންނެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި އަރީޝްއަކީ ކުރިންވެސް ޖިނާއީ މައްސަލައެއްގައި ހުކުމެއް އިއްވާފައިވާ މީހެކެވެ.