ވައިގެ މަގުން އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

މީގެ ކުރިން ކަސްޓަމްސިން އަރުލައިގަނެފައިވާ ކެނަބިސް ޕެކެޓުތަކެއް --- ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތިލައިގަނެފިއެވެ.

ކަސްޓަމްސްއިން އެކަން ހާމަކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

އެގޮތުން މިތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން މައުލޫމާތުދިން ގޮތުގައި އެ ތަކެތީގެ ބަރުދަނުގައި 3،800 ގުރާމު ހުރިއިރު، އޭގެ މަގުމަތީ އަގު އެ ޚިދުމަތުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެ ޚިދުމަތުން ކުރި ތަހުލީލުތަކުން އެ ތަކެއްޗަކީ ކެނަބިސްކަން އެނގިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މަސްތުވާތަކެތި އަތުލައިގަތްކަން ހާމަކޮށް ކަސްޓަމްސްއިން ކޮށްފައިވާ ޕޯސްޓް -- ފޮޓޯ: ކަސްޓަމްސް

ފާހަގަކޮށްލެވޭ ގޮތުގައި ކެނަބިސް އަކީ މި ފަހަކަށް އައިސް ރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުވެފައިވާ އެއްޗެކެވެ.

މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއިން އަންނަނީ ބޯޑަރު ބެލެހެއްޓުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކުރަމުންނެވެ. އެގޮތުން، ވައިގެ މަގުންނާއި ކަނޑުމަގުން އަންނަ އުޅަނދުފަހަރާއި މުދާ ބަލައިފާސްކުރުމުގެ މަސައްކަތް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފުޅާކޮށްފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ބޭނުންކޮށް ވިޔަފާރިކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ކަމާއި ބެހޭ އިދާރާތަކުން ގުޅިގެން އަންނަނީ މިކަން ހުއްޓުވުމަށް ގިނަ އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.

comment ކޮމެންޓް